ENGLISH

10 އޭޕްރީލު 2026

Advertisement

އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރަނީ

10 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން މާދަމާ-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިންތިޚާބުތަކުގެ ވަގުތީ ނަތީޖާތައް މިހާރު ވަނީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކޮށްފަ އެވެ. މި ފަހަރު ބޭއްވި އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި އެންމެ ގިނަ ކެންޑިޑޭޓުން ވާދާކުރި އިންތިޚާބެވެ.

ހޮނިހިރު ދުވަހު ތިން އިންތިޚާބެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ޝަކުވާ ހުށަހެޅިފައިވާ ފޮށިތަކުގެ ނަތީޖާ އަދި އިއުލާން ނުކުރާ ކަމަށެވެ. އެހެންނަމަވެސް އެ ފޮށިތައްވެސް އަލުން ގުނައި އޭގެ ދާއިމީ ނަތީޖާ ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ. މާދަމާ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ، ނޫސްވެރިންގެ ބައްދަލުމުގެ ތެރެއިން ކަމަށްވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފައިވަނީ، މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި މިކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެލްޖީއޭއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ކައުންސިލަރުން ހުވާކުރުމާއި ،އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނީ، އެއް ރަސްމިއްޔާތެއްގެ ތެރެއިންކަމަށްވެސް އެލްޖީއޭއިން ބުނެފައިވެ އެވެ.

މިފަހަރު އިންތިޚާބަކީ ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލި އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހުންނަށް ލިބިގެންދިޔަ އެވެ. އޭގެ ތެރެއިން %73 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން، އަދި ސިޓީތަކަށް 52 ކައުންސިލަރުން އިންތިޚާބުކޮށްފައިވެ އެވެ. ހަމަ މި އަދަދަށް އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު