ENGLISH
10 އޭޕްރީލު 2026
ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުކުރައްވާފައިވޭ: ހުކުރު ޚުޠުބާ
10 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ޙުރުމަތްތެރިވެގެންވާ ހަތަރު މަސް ޚާއްޞަ ކުރައްވައި މަތިވެރިކުރައްވާފައިވާއިރު، އެ މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބުނީ، الله ކަނޑައަޅުއްވައިފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، اللهގެ ޙަޟުރަތުގައި ބާރަ މަސްދުވަސް ކަމަށާއި، މީގެތެރެއިން މަތިވެރިކުރައްވާފައިވާ ހަތަރު މައްސަރުގައި ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުކުރައްވާފައިވާ ކަމަށެވެ.
"ފާފަތަކަށް އަރައިގަތުމުން ތިބައިމީހުންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިނުވުމަށް، މާތް الله އަންގަވައިފައިވަނީ އަހަރުގެ ބާރަ މަސްދުވަހުގައެވެ. ފަހެ މީގެ ތެރެއިން ހަތަރު މަސް ޚާއްޞަކުރައްވައި ހުރުމަތްތެރިކުރައްވައި މަތިވެރިކުރެއްވިއެވެ. އަދި އެ މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުކުރެއްވިއެވެ. އަދި ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުކުރެއްވިއެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، މާތް الله، އުޑުތަކާއި ބިން ހެއްދެވި ދުވަހެކޭ އެއްގޮތަށް އަހަރުގެ މަސްތައް އިޢާދަވެފައިވާ ކަމަށާއި، އަހަރަކީ، ބާރަ މަސްދުވަސް ކަމަށެވެ. އޭގެ ތެރެއިން ޙުރުމަތްތެރިވެގެންވާ ހަތަރު މަސް ވާއިރު، އެއީ ވިދިވިދިގެން އަންނަ ތިން މަސްކަމުގައިވާ، ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހާއި މުޙައްރަމް މަސް ކަމަށާއި، އަދި ޖުމާދަލްއާޚިރާއާއި ޝަޢުބާން މަހާ ދެމެދުގައި އަންނަ، މުޟަރުވަންހައިގެ މީހުން ކަމޭހިތި ރަޖަބު މަސް ކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައްކުރުންކަމަށްވީހިނދު، ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް މި ފަދަ ކަމަކަށް އަރައިގަތުމަކީ މާތް ﷲގެ ކޯފާ ޙައްޤުވާނޭ ކަމެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ވަކީން ޚާއްޞަކޮށް ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި މި ފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވާއިރު، އެއީ އެ ފަދަ ޢަމަލަކީ، މާތް ﷲއަށް އުރެދުމާ އެކު، އެކަލާނގެ ޚާއްޞަކުރައްވައި މަތިވެރިކުރައްވައި ޙުރުމަތްތެރިކުރައްވައިފައިވާ ކަންކަމުގެ ޙުރުމަތްކަނޑައި އެ ކަންކަމަށް އިހާނަތްތެރިކޮށްހިތުން ކަމުގައި ވާތީ ކަމަށް ޚުޠުބާގައި ބުންޏެވެ.
"މި ފަދަ މަތިވެރި މައްސަރަކާ ބައްދަލުވުމުން، މުއުމިނު އަޅާގެ މައްޗަށްވަނީ، އަޅުކަމުގައި ހީވާގިވުމެވެ. އެއީ މާތް ﷲ ހަނދުމަކޮށް، ގިނަގިނައިން ޛިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ތަސްބީޙައާއި ތަޙުމީދާއި ތަކުބީރުކިޔުން ފަދަ ދުލުން ކުރެވޭ އަޅުކަންތައް ގިނަކުރުމެވެ. އަދި ކޮންމެ މުސްލިމަކަށް ވެސް ހެޔޮ ނަސޭހަތްދިނުމެވެ. އަދި ރޯދަހިފުމާއި، ޞަދަޤާތްކުރުމާއި، އަނިޔާ ލިބިފައިވާ މީހާއަށް ނަޞްރުދިނުމާއި، ނިކަމެތީންނަށް އެހީތެރިވުމާއި، މުޞީބާތެއް ޖެހިފައިވާ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ޢަމަލީ ގޮތުން ކުރެވޭ ހެޔޮކަންތައް ވެސް ގިނަކުރުމެވެ. އަދި ހިތުގެ އަޅުކަންތައްތަކުން ވެސް މި ވަގުތުތަކުގެ ފައިދާ ޙާޞިލުކުރާންވާނެއެވެ." ޚުޠުބާގައި ބުންޏެވެ.
މާތް ﷲއަށް އިޚުލާޞްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، އެކަލާނގެއަށް ފުރިހަމައަށް އީމާންވުމާއި، އެކަލާނގެ މަތިވެރިކުރުމާއި، އެކަލާނގެ ދެކެ ލޯބިވުމާއި، އެކަލާނގެ މަތިވެރިކޮށް ޤަދަރުކުރުމާއި، މާތް ﷲ ލޯބިވެވޮޑިގެންވާ އެ ނޫން ވެސް ހިތުގެ އެންމެހައި ޢަމަލުތަކެއް ކުރުމަށާއި، އަދި ހަމައެހެންމެ،اللهُ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އެންމެހައި ކަންކަމުން ހިތް ޠާހިރުކުރުން ވެސް ލާޒިމުވެގެންވާ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޣީބަބުނުމާއި، ދޭތެރެޖެއްސުމާއި، ދޮގުހެދުމާއި، މީހުންނަށް އެއްޗެހި ގޮވުމާއި، ލަޢުނަތްދިނުން ފަދަ ނުބައި ފާފަތަކުން ރައްކާތެރިވެ ދުރުހެލިވެ ތިބުމަށާއި، ބާއްޖަވެރިޔަކީ މާތް ﷲގެ ރުހިވޮޑިގަތުމާއި، އެކަލާނގެ ލޯބިވެވޮޑިގަތުމާއި، ފާފަފުއްސެވުމާއި، ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަތަކާއި މަޤާމުތަކަށް ވާޞިލުވުމަށް އެމީހެއްގެ ނަފުސު އެދި މަސައްކަތްކުރާ މީހާކަން ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ފާއިތުވެދިޔަ ތަނުގައި އުނިވެފައިވާ ކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ބަރަކާތްތެރި، މާތްވެގެންވާ ވަގުތުތަކާއި ޒަމާންތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ތިޔަބައިމީހުން މާތް ﷲއަށް ތަޤުވާވެރިވުމަށް ގޮވާލާފައެވެ.
އަދި ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައްޔާއި، އަހަރުގެ އެހެނިހެން މަސްތަކުގައި ވެސް، ކިޔަމަންތެރިކަމުގެ ޢަމަލުތަކާއި ސަވާބުލިބެނިވި ކަންކަންކުރުމާ އެކު ތެދުމަގުގައި ސާބިތުވެތިބުމަށާއި، އަދި މުޅި އިންސާނިއްޔަތުގެ ސާހިބާ، މާތް ނަބިއްޔާ صلى الله عليه وسلم ގެ ކިބައިން ޞައްޙަކޮށް ސާބިތުވެފައިވާ ސުންނަތުގައި ހިފަހައްޓައި، އަދި މާތް ﷲގެ ފޮތުން ނުވަތަ މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ސާބިތުވާން ނެތް، ދީނަށް އަލަށް ގެނެސްފައިވާ ކޮންމެ ބިދުޢައަކުން ތިޔަބައިމީހުން ދުރުހެލިވުމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.