ENGLISH
09 އޭޕްރީލު 2026
ޔޫތު ވޮލިންޓިއަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
09 އޭޕްރީލު 2026
|
ނެޝަނަލް ޔޫތް ކޮންފަރެންސް 2025 ގެ ތެރެއިން-- ފޮޓޯ: ޒުވާނުން ބާރުވެރިކުރުމާުއި ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވީއެންމެ އަވަހަކަށް ޕްރޮގްރާމުގައި ބައިވެރިވުމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވަނީ އެދިފަ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އެވުޒާރާގެ ވެބްސްއިޓުގައި ޝާއިއުކޮށްފައިވާ ގޫގަލް ފޯމު މެދުވެރިކޮށެވެ.
ޒުވާނުން ބާރުވެރިކުރުމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ، މި ޕްރޮގްރާމުގެ ތެރެއިން، އިޖްތިމާޢީ އަދި ބައިނަލްއަޤްވާމީ ތަމްރީނުތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާތަކުގައި ވޮލަންޓިއަރ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ހިންގޭ އެކި ޕްރޮގްރާމުތަކުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ޔޫތު ވޮލިންޓިއަރ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޢުމުރުފުރާތަކުގެ ޒުވާނުންނަށެވެ.
ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން އަންނަނީ ޒުވާނުންނަށް ޚާއްސަކޮށްގެން އެކިކަހަލަ ކޭމްޕުތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންތަކާއި، އެކިކަހަލަ މަސައްކަތު ބައްދަލުވުންތަކާއި އަދި ކަލިނަރީ އިވެންޓްތައް ފަދަ ޒުވާނުންނާ ގުޅޭ ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުންނެވެ. އަދި މި ހަރާކަތްތަކުގައި ގިނަ އަދަދެއްގެ ޒުވާނުންގެ ބައިވެރިވުން ލިބެމުން އަންނަ ކަން ވެސް އެ ވުޒާރައިން ފާހަގަކޮށްފައިވެ އެވެ.
މުޖުތަމަޢުގައި ޒުވާނުންގެ ދައުރު ފުޅާކޮށް، ޒުވާނުން ބާރުވެރިކުރުވުމަށްވެސް އެ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.