ENGLISH
09 އޭޕްރީލު 2026
ފަވަރަގެ ޚިދުމަތްތަކާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިން 1544 ތައާރަފްކޮށްފި
09 އޭޕްރީލު 2026
|
ފަވަރަ ހިދުމަތުގެ ހޮޓްލައިން ނަންބަރު 1544 -- ފޮޓޯ: އެމްއެމްއޭ
އެންމެ މަޤްބޫލު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ "ފަވަރަ" ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ދޭ ޚިދުމަތްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ޚާއްސަ ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފި އެވެ.
މި ހޮޓްލައިން ނަންބަރު "1544" ތަޢާރަފްކޮށްދެއްވާފައިވަނީ، އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
އެމްއެމްއޭ އިން ބުނީ، މި ހޮޓްލައިނަކީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވުނު ނަންބަރެއް ކަމަށެވެ. އަދި މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސް އިން ކަމަށްވެސް ބުނެފައިވެ އެވެ.
އެމްއެމްއޭ އިން މައުލޫމާތު ދޭ ގޮތުގައި، މާލީ ޚިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރުވެސް ބޭނުންކުރަމުންދާ 1444 ނަންބަރުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ. އަދި އަލަށް ތައާރަފްކުރި 1544 ނަންބަރަކީ ފަވަރައާއި ޕޭމަންޓް މޯލްޑިވްސްއިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ޚިދުމަތްތަކަށް ޚާއްސަކުރެވިފައިވާ ނަންބަރެއް ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.
މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ ބޭންކިންގ އަދި މާލީ ނިޒާމުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބި، ޚިދުމަތުގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.