ENGLISH

20 އޭޕްރީލު 2025

Advertisement

މަހިބަދޫގެ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

15 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

މަހިބަދޫގައި ރައީސް މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފައްްޓަވައި، ބާރު ސްޕީޑުގައި އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 

މަހިބަދޫގައި 100 ހައުސިން ޔުނިޓް ތަރައްގީކޮށްދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުކެވެ. އަތޮޅުގެ އެންމެ އާބާދީ ބޮޑު، މަހިބަދޫގެ ރައްޔިތުންނާއި މިއަދު ހެނދުނު ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މަހިބަދޫ އަކީ ސަރުކާރުން ކަނޑައަޅާފައިވާ ހަތް އާރބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށެވެ. 

"މިހާރުވެސް މިރަށުގައި އޮތް ބިމުގެ ތެރެއިން، ލޭންޑްޔޫސް ޕްލޭނުގައި ކަނޑައަޅާފައިއޮތް ސަރަހައްދުގައި 100 ހައުސިން ޔުނިޓު ޤާޢިމު ކުރުމަކީ އަޅުގަނޑު ވެފައިއޮތް ވަޢުދެއް. މި އަންނަ އަހަރަށް މި ފާސްކުރި ބަޖެޓަށް ވެސް އަޅުގަނޑު މި ކިޔަނީ ބޯހިޔާވަހިކަމުގެ ބަޖެޓް. އެއީ މިރަށްހެން އެހެން ރަށްރަށުގައި ވެސް ގެދޮރު ބިނާކުރުމަށްޓަކައި އަޅުގަނޑުވެފައިވާ ވަޢުދު ފުއްދުމުގެ ބޭނުމުގައި އެކުލަވާލި ބަޖެޓަކަށް ވާތީ. އެހެންވީމާ، 2025 ވަނަ އަހަރުގެ ތެރޭގައި، މިރަށުގައި (ގެދޮރު) ޤާއިމު ކުރުމަށް އަޅުގަނޑުވި ވަޢުދު ފުއްދާ އަހަރު. އެ 100 ޔުނިޓުގެ މަސައްކަތް ފަށާނަން، އަދި ވީހާވެސް ބާރުމިނެއްގައި ކުރިއަަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އަރުވަން،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.  

ރިޔާސީ އިންތިހާބުގެ ތެރޭގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ ހަތަރު ވަނަ ދުވަހުގެ ރޭ، ޑރ. މުޢިއްްޒު މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ މާފަރުފަޅަކީ މަހިބަދޫގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ހަމަޖައްސަވައި، ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ބިން ހިއްކައި އެތަނުގައި ގެދޮރު ބިނާކުރުމާއި، ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކާއި ސިނާޢީ ބޭނުންތަކަށް އެތަން ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

ގާތްގަނޑަކަށް 22.3 ހެކްޓަރުގެ މާފަރުފަޅަކީ، މަހިބަދޫގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު ވަނީ މި އަހަރުގެ އެޕްރީލް 16 ވަނަ ދުވަހު ޤަރާރަކުން ކަނޑައަޅުއްވައިފައެވެ. 

ޑރ. މުޢިއްޒު ވިދާޅުވީ މަހިބަދޫ ރައްޔިތުން އެދިވަޑަގެންނެވި ގޮތަށް އިސްލާމީ ސެންޓަރެއް ޤައިމު ކޮށްދެއްވުމާއި، އެމަނިކުފާނު ކުރިން ވިދާޅުވެފައިވާ ގޮތަށް ހޮސްޕިޓަލާއި ފުޓްބޯޅަ ދަަނޑު ވެސް ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު