ENGLISH
20 އޭޕްރީލު 2025
"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް"ގައި ބައިވެރިވެވަޑައިގަތުމަށް ނައިބް ރައީސް ޗައިނާއަށް ވަޑައިގެންފި
15 ޑިސެމްބަރު 2024
|
ނައިބް ރައީސް އަށް ޗައިނާ އިން މަރުޙަބާ ދަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ޗައިނާއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުންމިންގ ޗަންގްޝުއި އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޔުނާން ޕްރޮވިންސްގެ ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން ލުއޯ ހޮންގްޖިއަންގ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮމޯޝަން ސެންޓަރުގެ ވެރިޔާ، ޓާންގް ޔިންގް އަދި ޔުނާން ޕްރޮވިންސްގެ ފޮރިން އެފެއާޒް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވޯންގް ވެއި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކުންމިންގެ، ޔުނާން ޕްރޮވިންސަށް ކުރައްވާ މި ދަތުރުފުޅަކީ، ސީ.އައި.ޑީ.ސީ.އޭ އިން އިންތިޒާމްކޮށްގެން ޑިސެމްބަރު 15 އިން 17 އަށް ބާއްވާ، ދިވެހި ރާއްޖެއާ އެކުގައި ހޯސްޓްކުރާ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، "ދަ ފިއުޗާ އޮފް ދަ ބްލޫ އިންޑިއަން އޯޝަން ޑިވެލޮޕްމަންޓް: ޕްރެކްޓިސް އޮފް ދަ ގްލޯބަލް ސައުތު" މި ޝިއާރުގެ ދަށުންނެވެ.
ސީ.އައި.ޑީ.ސީ.އޭ އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިޤްތިޞާދުގެ އެކި ކަންކަމަށް ސަމާލުކަން ދީގެން، ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ. ފޯރަމް ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން، ވަކި މައުޟޫޢު ޚާއްޞަ މަޝްވަރާތަކެއް ކުރެއްވުމާއި، ސަބް ފޯރަމްތަކާއި އެކި މައުޟޫޢުތަކަށް ވަށް-މޭޒު ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މި ފޯރަމްގައި ބައިވެރިވަޑައިގަންނަވަނީ ޗައިނާ ސަރުކާރުގެ ދަޢުވަތަކަށެވެ. އަދި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގައި ބޭއްވި "ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމް"ގެ 2 ވަނަ ބައްދަލުވުމުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.