ENGLISH
06 އޭޕްރީލު 2026
އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަނީ
06 އޭޕްރީލު 2026
|
20 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ؛ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހާމަކޮށްފި އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެފަހުން ބާއްވާފައިވަނީ މިދިޔަ މާޗު މަހުގެ 8 ވަނަ ދުވަހު އެވެ.
"އެމްއެމްޓީވީ"އަށް މައުލޫމާތުދެމުން މަޖިލީހުގެ އިދާރާއިން ބުނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނިންމާފައިވާކަމަށެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރު މަޖިލީހުގެ ޖަލްސާތައް ފެށީ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހެވެ. އޭގެ ފަހުން އެ މަހުގެ 10 ވަނަ ދުވަހާއި، 11 ވަނަ ދުވަހާއި، 17 ވަނަ ދުވަހާއި، މިދިޔަ މާޗު މަހުގެ 8 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވާފައި ވެއެވެ. އަދި ރަމަޟާން މަހުގެ ތެރޭގައި ވެސް ޖަލްސާއެއް ބާއްވާފައިވެއެވެ. ކޮމިޓީތަކުގެ ބައްދަލުވުންތައް އައީ ދޭތެރެދޭތެރެއިން ބާއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނިންމާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްލާހީ އެޖެންޑާގެ ދަށުން ގިނަ އިސްލާހުތަކެއް މަޖިލީހުގެ ތަޅުމަށް އެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު ތިބި އަދަދުގައި ހިފެހެއްޓުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކުގެ އިސްލާހުތައް ފާހަގަކޮށްލެވެއެވެ.