ENGLISH
06 އޭޕްރީލު 2026
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1،940 ވޭޕް ކާޓްރިޖް އަތުލައިގެންފި
06 އޭޕްރީލު 2026
|
ކަސްޓަމްސްއިން ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ ވޭޕާއި ވޭޕްކުރާ ސާމާނު
އެންމެ މަޤްބޫލު
ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި 1,940 ވޭޕް ކާޓްރިޖް އަތުލައިފި އެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވިގެން އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.
މިއޮޕަރޭޝަންގައި ބަލާފާސްކުރި ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށާއި، މިގޮތުން ޖުމްލަ 1,940 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ގެނެވިފައިވާ ކަމަށް ކަސްޓަމްސް އިން މީޑިއާތަކަށް ހިއްސާ ކުރި މައުލޫމާތުގައި ވަނީ ބުނެފަ އެވެ.
މި މައްސަލަ ކަސްޓަމްސް މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މަސްތުވާތަކެއްޗާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތައް ފަދަ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމައަކީ އަމާން ރައްކާތެރިތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކަސްޓަމްސް އިން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.