ENGLISH
06 އޭޕްރީލު 2026
އަމާޒަކީ ކުޅިވަރުގެ ދާއިރާ ކުރިއަރުވައި ގައުމީ ތަރައްގީއަށް މަގުފަހިކުރުން: ރައީސް
06 އޭޕްރީލު 2026
|
"ޕްރެޒިޑެންޓްސް ކަޕް 2026" ގެ ފައިނަލް މެޗް އަދި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ދާއިރާ ކުރިއަރުވައި، މި ދާއިރާގެ ތެރެއިން ގައުމީ ތަރައްގީއަށް މަގުފަހިކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތަރައްގީ އާއި ސުލްހައަށްޓަކައި ފާހަގަކުރާ ބައިނަލްއަގުވާމީ ކުޅިވަރު ދުވަހުގެ މުނާސަބަތުގައި އާއްމުކުރެއްވި ހާއްސަ މެސެޖުގައި ކުޅިވަރަކީ އެއްވެސް ހުރަހެއް ނެތި އެންމެން ގުޅުވައިދޭ ވަސީލަތެއްކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ. އަދި ކުޅިވަރަކީ ޤައުމީވަންތަކަމުގެ މުހިންމު ތަނބެއްކަން ފާހަގަކުރައްވައި އަދި އެއީ ޒުވާނުން ބާރުވެރިކުރުވައި، އިޖުތިމާޢީ ބަދަހިކަން ވަރުގަދަކޮށްދޭ އެންމެ މުހިންމު އެއް ބާރުކަމަށް ރައީސް ވިދާޅުވި އެވެ.
"ކުޅިވަރާއި އޭގެ ރީތި އުޞޫލުތައް ބަލައިގަނެ، އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިގައި އަޚްލާޤާއި، ސާބިތުކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ސިފަ އަށަގަންނުވަންޖެހެއެވެ. މިއީ އެކުދިންނަކީ ދުޅަހެޔޮ، މާނަހުރި ދިރިއުޅުމެއް އުޅޭ، އަދި ޤައުމީ ތަރައްޤީގައި ހިއްސާވާ ބަޔަކަށް ހެދުމަށް މަގުފަހިވާނެ ކަމެކެވެ،". ރައީސްގެ މެސެޖުގައި ވެއެވެ.
ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށާއި، ޒުވާނުންނަށް ކާމިޔާބީގެ މަގު ދައްކައިދިނުމަށާއި، އިޤްތިޞާދީ ކުރިއެރުން ހޯދައި، އެންމެން ގުޅިގެން ވަރުގަދަ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ކުޅިވަރުގެ ބާރުގެ ބޭނުން ހިފައިގެން ގައުމަށް ބޮޑެތި ކާމިޔާބީތައް ހޯދައިދިނުމަށާއި، ދެމެހެއްޓެނިވި ސުލްހައަކަށް މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ.