ENGLISH

06 އޭޕްރީލު 2026

Advertisement

މުޅި ރާއްޖެއިން ޕީއެންސީއަށް އެންމެ ގިނަ ގޮނޑި ދިނީ ހައްދުންމަތިން

06 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ފޮނަދޫ ކައުންސިލަށް އިންތިހާބުވީ ޕީއެންސީގެ މެމްބަރުން.

މުޅި ރާއްޖެއިން ސަރުކާރު ހިންގާ ޕީއެންސީއަށް އެންމެ ގިނަ ގޮނޑި ހޯދައިދީ ސަރުކާރަށް އެންމެ ވަރުގަދަ ތާއީދެއް އޮތް އަތޮޅަކީ ލާމު އަތޮޅުކަން ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ. 

އެ އަތޮޅުން އިންތިހާބުކުރަންޖެހޭ ޖުމްލަ 75 ގޮނޑީގެ ތެރެއިން 47 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ. 

ލާމު އަތޮޅުން ޕީއެންސީން ހޯދި 47 ގޮނޑީގެ ތެރޭގައި ހިމެނެނީ: 

* ފަސް ރަށެއްގެ ކައުންސިލް ރައީސްކަމުގެ ގޮނޑި.

* ކައުންސިލް މެމްބަރުންގެ ހަތް ގޮނޑި.

* ކައުންސިލުން އަންހެނުންނަށް ހާއްސަ ކުރި އަށް ގޮނޑި.

* އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސްގެ ފަސް ގޮނޑި.

* އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ 22 ގޮނޑި.

މި އަތޮޅަށް ބަލާއިރު ވެރިކަން ކުރާ ފޮނަދޫއިން ޕީއެންސީއަށް ވަނީ ހުރިހާ ގޮނޑިއެއް ދީފަ އެވެ. އީސީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ފޮނަދޫ ކައުންސިލްގެ ފަސް ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަސް ގޮނޑިއާއެކު، ޖުމްލަ 10 ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުން ނެވެ.

އެގޮތުން ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި އަހުމަދު ރިޔާޞް އެވެ. ކައުންސިލް މެމްބަރުންގެ ގޮތުގައި އިންތިހާބުވީ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި އަހްމަދު މަމްދޫހު، އަބްދުއް ރަޢޫފް ޔޫސުފް، ވަރުދާ ހުސައިން އަދި އައިޝަތު އަޒީމާ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ރިޝްމާ އެވެ. އަދި އެ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި އިންތިހާބުވީ އައިމިނަތު ރާފިއާ، ޝަކީލާ އަލީ، އައިޝަތު ޒޫނާ އަދި މަލަކާ މޫސާ އެވެ.

މީގެ އިތުރުން އެ އަތޮޅު މާވަށާއި އިސްދޫ ކައުންސިލުގެ ރައީސްކަން ވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ. 

ހައްދުންމައްޗަކީ ގާތްގަނޑަކަށް 12،600 މީހުންގެ އާބާދީއެއް އޮންނަ އަތޮޅެކެވެ. 

ޕީއެންސީން ދެން އެންމެ ގިނަ ހޯދީ ބ. އަތޮޅުންނާއި ރ. އަތޮޅުން ނެވެ. އެ ދެ އަތޮން އެ ޕާޓީއަށް 43 ގޮނޑި ދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު