ENGLISH
20 އޭޕްރީލު 2025
މި ސަރުކާރުން ކުރިއަށްދާނީ ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުން: ރައީސް
15 ޑިސެމްބަރު 2024
|
އދ. ދަނގެތީގައި ރައީސް މިރޭ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
މާތް ﷲގެ އިރާދަފުޅާއެކު، މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރި އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ، ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އާއި، އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ، އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާއެއް ހުރި ދެ ޢިމާރާތް ބޭނުންނުކުރެވޭ ގޮތަށް އަނދާ އަޅިއަށްވީ ހާދިސާއަކީ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް ފުން އަސަރުތަކެއް ކުރުވި ހާދިސާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ހާދިސާގައި ގެއްލުން ލިބުނު ތިން ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލަކީ، އެމަނިކުފާނުވެސް އެކި ދުވަސްވަރު އެ ތަންތަނުގައި ޚިދުމަތްކުރެއްވި އިދާރާތަކެއް ކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ، އެތައް އަހަރެއްގައި އެތައް މުވައްޒަފުންނަކާއެކު މަސައްކަތްކުރި އެ ޢިމާރާތްތައް އަނދައި، ހުލިވެ، ބިންމައްޗަށް ތިރިވި މަންޒަރު ފެނިވަޑައިގަތުމުން އަސަރުކުރެއްވިކަމަށެވެ.
އެހެންނަމަވެސް، އެމަނިކުފާނު މި ގޮންޖެހުމާ ކުރިމަތިލެއްވީ ވަރަށް ހިތްވަރާ އެކުގައިކަމަށާއި، އެންމެން އެކީ އަތުކުރި އޮޅާލައިގެން، ބުރާސްފަތި ދުވަހުގެ ރޭ ފެއްޓެވި މަސައްކަތް މެދުކަނޑާނުލައި ކުރިއަށްގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން، އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު 8 ޖަހާއިރު އެ ވުޒާރާތަކުން ޚިދުމަތް ދޭން ފަށާނެކަމަށް އެމަނިކުފާނު މިރޭ އިޢުލާންކުރެއްވިއެވެ. އަދި މި ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.