ENGLISH

05 އޭޕްރީލު 2026

Advertisement

ތޮއްޑޫ ބަދަލުކޮށްލައިފި، ރައީސް ކަމުގެ ދެ މަޤާމާއެކު ހަތް ގޮނޑި ކޮންގްރެސްއަށް

05 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ތޮއްޑޫ ކައުންސިލްގެ އިންތިޚާބީ މެންބަރުން --

އއ. ތޮއްޑޫ ކައުންސިލްގެ ރައީސް ކަމާއި އަންހެނުންގެ ތަރައްޤީއަށް މަަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމުގެ މަޤާމު ހިމެނޭހެން އެ ރަށުގެ ހަތް ގޮނޑި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.

ތޮއްޑޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އާދަމް ނަވީން އެވެ. ނަވީން ވަނީ 604 ވޯޓް ހޯދާފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ނަސީފަށް ލިބުނީ 564 ވޯޓެވެ.

ކައުންސިލްގެ އަންހެން މެންބަރު ކަމުގެ އެއް ގޮނޑި ކޮންގްރެސްގެ ކެންޑިޑޭޓް މަރިޔަމް ސުޒީ ވަނީ ކާމިޔާބު ކޮށްފަ އެވެ. ސުޒީ ވަނީ 719 ވޯޓް ހޯދާފަ އެވެ. ކައުންސިލްގެ މެންބަރު ކަމުގެ ދެ މަޤާމަށް އިންތިޚާބުވީ ކޮންގްރެސްގެ ދެ ކެންޑިޑޭޓުން ކަމަށްވާ މޫސާ އަނިލް އާއި އަލީ ރިޝާން އެވެ. މޫސާ އަނިލް ވަނީ 591 ވޯޓް ހޯދާފަ އެވެ. އަލީ ރިޝާން އަށް ލިބުނީ 565 ވޯޓެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އައިމިނަތު ސިމްލާ އެވެ. އޭނާ ވަނީ 654 ވޯޓް ހޯދާފަ އެވެ. ސިމްލާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު އަޒީލާއަށް ލިބިފައިވަނީ 440 ވޯޓެވެ.

އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމުގެ ތިން މަޤާމު ކޮންގްރެސްގެ ކެންޑިޑޭޓް އައިމިނަތު އިފްނާ އާއި ނަބީލާ އާދަމް އާއި ޙައްވާ މަލީސާ ވަނީ ކާމިޔާބު ކޮށްފަ އެވެ.

މިއީ ތޮއްޑޫގައި އެމްޑީޕީން ކުރަމުން އައި "ރަސްކަން" ނިމުމަކަށް އައުމެވެ. މީގެ ކުރީން ތޮއްޑޫ ކައުންސިލްގެ ރައީސް ކަމާއި މެޖޯރިޓީ އޮންނަނީ އެމްޑީޕީއަށެވެ.

ކިޔުންތެރިންގެ ހިޔާލު