ENGLISH
05 އޭޕްރީލު 2026
18 އަހަރަށް ފަހު ރަސްދޫގެ "ރަސްކަން" ޕީއެންސީއަށް
05 އޭޕްރީލު 2026
|
މުޅި ރަސްދޫ މިހާރުވަނީ ވިލު ނޫ ކުލަޔަށް ބަދލުވެފައި. --ފޮޓޯ؛ފޭސްބުކް
އެންމެ މަޤްބޫލު
މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ވެރިކަން ހިނގަން ފެށިތާ 18 އަހަރު ފަހުން ފުރަތަމަ ފަހަރަށް އއ. ރަސްދޫގެ "ރަސްކަން" ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެ އެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އއ. ރަސްދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ވަނީ ކާމިޔާބު ކޮށްފަ އެވެ.
ނަތީޖާއިން ދައްކާގޮތުން ކައުންސިލްގެ ތިން ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ.
މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ވެރިކަން ހިނގަން ފެށިފަހުން އެމްޑީޕީއާ ދެކޮޅަށް ރަސްދޫގެ ކައުންސިލުގެ ގޮނޑިއެއް މީގެ ކުރިން ކާމިޔާބުކުރި ޕާޓީއަކީ ޑީއާރްޕީ އެވެ. ވުމާއެކު މިފަހަރުގެ އިންތިހާބު ވެފައިވަނީ ރަސްދޫގެ ތާރީހުގައި އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ދެރައަށެވެ.
ރަސްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ވަހީދެވެ. އޭނާއަށް 364 ވޯޓު ލިބިވަޑައިގަތެވެ.
ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ވަޖީހެވެ. ވަޖީހަށް 378 ވޯޓު ލިބިވަޑައިގެންނެވި އިރު ކައުންސިލްގެ އަންހެނުންގެ ހާއްސަ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު ޒީނިޔާ އަބްދުލްސައްތާރެވެ. އޭނާއަށް 364 ވޯޓު ލިބިވަޑައިގެންނެވި އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު ހަމްދޫނާ ހަމީދެވެ. އެ ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު ޒުލައިހާ އަބޫބަކުރާއި ޕީއެންސީގެ ކެންޑިޑޭޓު އައިމިނަތު އަނޫސާ އެވެ.