ENGLISH

05 އޭޕްރީލު 2026

Advertisement

ދާންވީ މަގާއި ކަންކުރަންވީ ގޮތް އިންތިހާބުން ސާފުވެއްޖެ، ސަރުކާރު އޮންނާނީ ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި: ޝިޔާމް

05 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމަށް ކުރިއަށްގެންދިޔަ އިންތިހާބުން ކުރަންވީ ކަންކަމާއި ދާންވީ މިސްރާބު ސާފުވެއްޖެކަމަށާއި، ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބުލީޑަރު އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ޝިޔާމު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަގުސަދުތަކުގެ ތެރޭގައި އިންތިހާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިހާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށެވެ. އިތުރަށް ވަޒީރު ވިދާޅުވީ އިންތިހާބުތައް ކާމިޔާބުވުމާއި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް ހުންނަ ކަމަށެވެ. 

ޝިޔާމު ވިދާޅުވި ގޮތުގައި އިންތިހާބުތަކުގެ  ނަތީޖާއަކީ ފުންކޮށް ވިސްނައި ކަންކަން އިސްލާހުކުރުމަށް ލިބޭ ވަރަށް ފަހި ފުރުސަތަކެވެ. ޕީއެންސީއަކީ އަބަދުވެސް ކުރިއަށް ވިސްނާ ޕާޓީއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ނިމިދިޔަ އިންތިހާބަކީ ކުރަންވީ ކަންކަމާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިހާބެއް ކަމަށެވެ. 

" އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައި.،" ރޭ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަމުންދަނިކޮށްް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓަށް އިޝާރާތްކުރައްވަމުން ޝިޔާމު ލިޔުއްވިއެވެ. 

އިތުރަށް ޝިޔާމު ވިދާޅުވީ އިންތިހާބުގެ ނަތީޖާއާއެކު ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ މަތީގަކަން ވަޒީރު ކަށަަވަރުކޮށްދެއްވިއެވެ. 

އަދި ކައުންސިލު އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގައި ގޮނޑިތައް ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނާއި ޓީމުތަކަށް މަރުހަބާ ވިދާޅުވުމާއެކު، އިންތިހާބުގައި ކާމިޔާބުނުވި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ޓީމުތަކުން ދެއްކި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވަމުން ޝިޔާމުވަނީ އެ ބޭފުޅުންނަށް ސާބަސްދެއްވާފައެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މި އިންތިހާބުގެ ކެމްޕެއިނުގައި ދެއްކެވި އާދަޔާ ހިލާފު ހިތްވަރާއި ރީތި ނަމޫނާއަށް ފަށްފަށުން ޝުކުރު އަދާކުރެއްވުމާއެކު، އިންތިހާބުގެ ކަންކަން ކާމިޔާބުކަމާއެކު ނިންމައިލުމުގައި އެއްބާރުލުންދިން ހުރިހާ އެންމެނަށް ވަޒީރުވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު