ENGLISH

20 އޭޕްރީލު 2025

Advertisement

ޑަބްލިޔުޑީސީގެ މެމްބަރުންނަށް އަންނަ ރަމަޟާން މަހުން ފެށިގެން ރޯދަ އިނާޔަތް ލިބޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

14 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

އދ. ދަނގެތީގައި ބޭއްވި ޖަލްސާ ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ވިމެންސް ޑިވެލޮޕްމަންޓް ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ މެންބަރުންނަށް އަންނަ ރޯދަ މަހުން ފެށިގެން ރަމަޟާން މަހުގެ އިނާޔަތް ލިބޭނެ ގޮތަށް، ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ދަނގެތީގެ ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވައި ވަހަކަ ދައްކަވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ޤާނޫނު އޮތީ، ވަރަށް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރައްވާ ޑަބްލިޔުޑީސީގެ އަންހެން ބޭފުޅުންނަށް ވަރަށް ބޭއިންސާފުކޮށް ކަމަށެވެ.

"އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ ޤާނޫނުގައި އޮންނަ ޕޮއިންޓެއް ނަގައިގެން ވަރަށް ނިކަމެތި ގޮތެއް ހަދާފައި އޮންނަ ބައެއް. އެހެންނަމަވެސް، އަންހެނުންގެ ކޮމިޓީތަކުގެ ބޭފުޅުނަކީ ރަށުގެ ތަރައްގީގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެއް،"ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޑަބްލިޔުޑީސީގެ މެންބަރުނަށް ޢިނާޔަތްތައް ލިބޭގޮތަށް ލާމަރުކަޒީ ޤާނޫނާއި ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް މި އަންނަ އަހަރުގެ ފެބަރުއަރީ މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑު ވަޢުދުވީ އެ ލިބޭ އެލަވަންސް މުސާރެއެއްގެ ގޮތުގައި ޤާނޫނުން ހަދައިދީ، އެއީ ރޯދަ މަހުގެ އިނާޔަތް ލިބުން، ވިހެއުމުގެ ޗުއްޓީ ނެގުން، އެ ލިބޭ އެލަވަންސް ބޭންކްތަކުން ރިކޮގްނައިސްކޮށް، އޭގެ ސަބަބުން ތިޔަ ބޭފުޅުންނަށް ލޯނުތަކަށް ދެވޭ ގޮތްވުން، މި އަންނަ ރަމަޟާން މަހުން ފެށިގެން ކޮންމެ ރަމަޟާން މަހަކު ޑަބްލިޔުޑީސީގެ މެންބަރުންނަށް ރޯދަމަހުގެ ޢިނާޔަތް ދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ޓޫރިޒަމް ޓެކްސްގެ ތެރެއިން ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދޭ ގޮތަށް ޤާނޫނަށް އިސްލާހު ގެންނަވާނެ ކަމަށެވެ. އެކަމުގެ ޓެކްނިކަލް މަސައްކަތްތައް ފެށިފައިވާ ކަމަށާއި، އެކަން ނިމުމުން، ޓޫރިޒަމް ޓެކްސްގެ ވަކި މިންވަރެއް ކައުންސިލްތަކަށް ލިބޭ ގޮތަށް ޤާނޫނު އިސްލާހުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމުގެ ސަބަބުން ކައުންސިކްތައް މާލީގޮތުން ބާރުވެރިކުރެވޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު