ENGLISH
04 އޭޕްރީލު 2026
ވޯޓާ ގުޅިގެން އާދީއްތަ އަދި ހޯމަ ދުވަސް، ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖައްސައިފި
04 އޭޕްރީލު 2026
|
މިއަދުގެ ވޯޓުލުން ކުރިއަށްދަނީ. ވޯޓާ ގުޅިގެން އާދީއްތަ އަދި ހޯމަ ދުވަސް ސަރުކާރު ވަނީ ބަންދުކޮށްފަ. ފޮޓޯ: އިލެކްޝަންސް
އެންމެ މަޤްބޫލު
އޭޕްރީލް 5 ވާ އާދީއްތަ ދުވަހާއި، އޭޕްރީލް 6 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުލުން މިއަދު އޮތުމާއެކު، އިންތިޚާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރި ވާތީ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ބުނެފައިވަނީ، އެޕްރީލު މަހުގެ 5 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާ ކަމަށެވެ.
އިންތިޚާބަށް ފަހުގައިވެސް، އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، އެޕްރީލު 6 ވާ ހޯމަ ދުވަސް ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ބުނެފައިވެއެވެ.
ދެ ދުވަސް ސަރުކާރު ބަންދުކުރުމާއެކު، ދެން ސަރުކާރު ހުޅުވޭނީ އޭޕްރީލް 7 ވާ އަންގާރަ ދުވަހުއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ކުރިއަށްދިޔައީ މިއަދު ހެނދުނު 8 އިން 5 އަށެވެ. ވޯޓު ފޮށިތައް ބަންދުކުރުމަށް ފަހު މިހާރު ވަނީ ވޯޓު ފޮށިތައް ގުނަން ފަށައިފައެވެ.