ENGLISH

04 އޭޕްރީލު 2026

Advertisement

ކިއުގައި ތިބި މީހުން ވޯޓުލައި ނިމޭ މިންވަރަކުން ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި

04 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ފޮޓޯ: އެމްއެމްޓީވީ

މިއަދު ކުރިއަށްގެންދާ ތިން އިންތިހާބުގެ ވޯޓުލުމަށް ކަނޑައެޅި ވަގުތު ހަމަވިއިރު ވޯޓު ކިއުގައި ތިބި މީހުން ވޯޓުލައި ނިމޭ މިންވަރަކުން ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފިއެވެ. 

ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ހިޔާލު ހޯދުމުގެ އާއްމު ވޯޓުގެ އިންތިހާބުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ. ކުރިން އޮތީ ހަވީރު 4:00 ގައި ކިއު ބަންދުކުރާ ގޮތަށެވެ. 

ނަމަވެސް ހޫނު ގަދަވުމުގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލާން ނުނިކުމެވޭކަން ފާހަގަކުރެވި، ހަވީރު ފިނިވާން ފެށުމުން ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނިކުމެ ކިއުގައި ޖެހެމުންދާތީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް ދަންމައިލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ. 

އިތުރު ކުރި ވަގުތުވެސް މިހާރު ހަމަވެފައިވާތީއާއެކު އެ ކޮމިޝަނުންވަނީ ކިއު ބަންދުކޮށްފަައެވެ. 5:00 ގައި ކިއު ބަންދުކުރުމުން ދެ ވޯޓު ދިނުމަށް ކިއުއަށް ނޭރޭނެއެވެ. އަދި ކިއު ބަންދުކުރުމަށްފަހު ވޯޓު ފޮށިތައް ބަންދުކުރަން ފަށާނީ ވޯޓުލުމަށް ކިއުގައި ޖެހިގެން ތިބި އެންމެން ވޯޓުލައި ނިމުމުންނެވެ. 

މިހާރު ބައެއް ސަރަހައްދުތަކުގައި ކިއުތަކުގައި ތިބި އެންމެން ވޯޓުލައި ނިންމާފައިވާތީ އެ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ބަންދުކުރަން އިލެކްޝަންސްގެ އޮފިޝަލުންވަނީ ފަށާފައެވެ. 

ވޯޓު ގުނަން ފަށާނީ ވޯޓު ފޮށި ބަންްދުކުރާތާ ތިރީސް މިނިޓު ފަހުންނެވެ. އަދިވެސް ވޯޓުލުމަށް ބައެއް މަރުކަޒުތަކުގައި ދިގު ކިއުތަކެއް އެބައޮތެވެ. އެހެންކަމުން އެ މަރުކަޒުތަކުގައި ވޯޓުލުން ނިމުމަށް އަދި ވަގުތުކޮޅެއް ހޭދަވާނެ ކަމުގައި ބެލެވެއެވެ. 

ހަވީރު ހަތަރެއްޖެހުމާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 63 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، މިހާރު ކިއުގައި ތިބި އެންމެން ވޯޓުލައި ނިމުމުން އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 70 އިންސައްތައަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު