ENGLISH

04 އޭޕްރީލު 2026

Advertisement

ދިވެހީންގެ ބޮޑު ނިންމުން؛ ހަތަރެއް ޖެހުމާ ހަމައަށް 63 އިންސައްތަ މީހުން ވޯޓު ލައިފި

04 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ފޮޓޯ: މިހާރު

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ހިސާބުތައް ދައްކާ ގޮތުން މިއަދު ކުރިއަށްދާ ތިން އިންތިހާބުގައި ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް، 62.98 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ. 

އެ ކޮމިޝަނުން މީސްމީޑިޔާގައި އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ހަވީރު 4:00 އާ ހަމައަށް 185،709 މީހުން ވޯޓުލިއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އާބާދީގެ 62.98 އިންސައްތަ މީހުންނެވެ. އެހައި ހަމައަށް ވޯޓުނުލައި ތިބީ 37.02 އިންސައްތަ މީހުންނެވެ. 

މިއަދު ކުރިއަށްގެންދާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދާ ގޮތަށް ކުރިން އޮތީ ހެނދުނު 8:00 އިން މެންދުރުފަހު 4:00 އާ ހަމައަށެވެ. 

ނަމަވެސް މިއަދު ހޫނުގަދަވުމުގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލާން ނުނިކުމެވި އޮތުމަށްފަހު މެންދުރުފަހު ގިނަ ބަޔަކު ވޯޓުލާން ކިއުގައި ޖެހިގެން ތިބިކަން ފާހަގަކުރެވުމާއެކު، އިލެކްޝަންސް ކޮމިޝަނުންވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ. 

ހަވީރު ހަތަރެއް ޖެހުމާ ހަމައަށް 92،567 އަންހެނުންނާއި، 93،142 ފިރިހެނުން ވޯޓުލާފައިވެއެވެ. މި ތިން އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 294،876 މީހުންނަށެވެ. އެހެންކަމުން ހަވީރު ހަަތަރެއް ޖެހުމާ ހަމައަށް ވޯޓު ނުލައި ތިބީ 109،167 މީހުންނެވެ. 

ކިޔުންތެރިންގެ ހިޔާލު