ENGLISH

20 އޭޕްރީލު 2025

Advertisement

"ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމް"ގައި ބައިވެރިވެވަޑައިގަތުމަށް ނައިބް ރައީސް ޗައިނާ އަށް

14 ޑިސެމްބަރު 2024

|

އެމް އެމް

"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ޑިސެމްބަރު މަހުގެ 15 އިން 17 އަށް ކުރިއަށް ގެންދާ މި ފޯރަމަކީ ރާއްޖެއިން ކޯ-ހޯސްޓްކުރާ ފޯރަމެކެވެ. ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، "ދަ ފިއުޗާ އޮފް ދަ ބްލޫ އިންޑިއަން އޯޝަން ޑިވެލޮޕްމަންޓް: ޕްރެކްޓިސް އޮފް ދަ ގްލޯބަލް ސައުތު" މި ޝިއާރުގެ ދަށުންނެވެ.

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިޤްތިޞާދުގެ އެކި ކަންކަމަށް ސަމާލުކަން ދީގެން، ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ. ފޯރަމް ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން، ވަކި މައުޟޫޢު ޚާއްޞަ މަޝްވަރާތަކެއް ކުރެއްވުމާއި، ސަބް ފޯރަމްތަކާއި އެކި މައުޟޫޢުތަކަށް ވަށް-މޭޒު ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މި ފޯރަމްގައި ބައިވެރިވަޑައިގަންނަވަނީ ޗައިނާ ސަރުކާރުގެ ދަޢުވަތަކަށެވެ. އަދި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގައި ބޭއްވި "ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމް"ގެ 2 ވަނަ ބައްދަލުވުމުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު