ENGLISH
04 އޭޕްރީލު 2026
ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމެއް ސަމާލުކަމަށް އައިސްފައި ނެތް: އެޗްއާރްސީއެމް
04 އޭޕްރީލު 2026
|
ވޯޓުލުމުގެ ކަންކަން މާލޭގެ މަރުކަޒެއްގައި ކުރިއަށްދަނީ، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އެންމެ މަޤްބޫލު
މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ވޯޓުލުމުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ފަދަ ކަމެއް އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިނުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފިއެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓު މިއަދު ނަގާއިރު މި އިންތިހާބުތަކުގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ.
އެޗްއާރްސީއެމްއިން މީގެ ކުރިން ބުނެފައިވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު އޮބްޒާވް ކުރުމުގެ ގޮތުން ކޮމިޝަންގެ ފަރާތުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 މުވައްޒަފުން ހަރަކާތްތެރިވަމުން ދާކަމަށެވެ.
ވޯޓުފޮށި އޮބްޒާވްކުރުމުގެ މަސައްކަތް ކޮމިޝަނުގެ މުވައްޒަފުން ކުރިއަށްގެނމްދާނީ ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށެވެ. އެޗްއާރްސީއެމްއިން ބުނީ މާލެ ސަރަހައްދުގައި އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒަވްކުރުމުގެ އިތުރުން، އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒާވްކުރުމަށް ހަމަޖެހިފައިވާކަމަށާއި މި ފޮށިތަކުގެ ތެރޭގައި ކ. މާފުށި ޖަލުގައި ބަހައްޓާފައިވާ ވޯޓު ފޮށި ވެސް ހިމެނޭ ކަމަށެވެ.
އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން ބުނީ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން އާއްމު ގޮތެއްގައި އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ފަދަ ކަމެއް ކޮމިޝަނަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.
މިފަދައިން އެޗްއާރްސީއެމުން ބުނެފައިވާއިރު، މިއަދު ހޫނުގަދަވުމުގެ ސަބަބުން ވޯޓުލުމަށް މީހުން ނިކުތް މިންވަރު މަދުވުމަށްފަހު ހޫނު މަޑުވާން ފެށުމާއެކު މީހުން އިންތިހާބުގައި ވޯޓުލާން ނިކުތް މިންވަރު އިތުރުވާން ފެށުމާ ގުޅިގެން ކިއު ބަންދުކުރާ ވަގުތު 4:00 އިން ހަވީރު 5:00 އަށް އިލެކްޝަންސް ކޮމިޝަނުންވަނީ އިތުރުކޮށްފައެވެ.