ENGLISH

04 އޭޕްރީލު 2026

Advertisement

ވޯޓު ލުމުގެ ވަގުތު 5:00 އަށް އިތުރުކޮށްފި

04 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު "އެމްއެމްޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ތިން އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކުރުމަށްް އެ ކޮމިޝަނުން ނިންމީ މިއަދު ހޫނުގަދަވުމުގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލުމަށް ހާޒިރުނުވެވުމާ ގުޅިގެން ކަމަށެވެ. 

އަދި އެގޮތަށް ނިންމެވީ ހަވީރު ފިނިވާން ފެށުމާއެކު މީހުން ވޯޓުލާން ނިކުންނަ މިންވަރު އިތުރުވެ، ކިއުތައް ދިގުވެ، ވޯޓުގައި ބައިވެރިވުމަށް ހާޒިރުވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ. 

ގުދުރަތީ ކަމެއް ކުރިމަތިވުމުގެ ސަބަބުން ވޯޓުލާން ނިކުތުމުގައި ދަތިތަކެއް ކުރިމަތިނުވާނަމަ ވޯޓުލުމުގެ ވަގުތު އިތުރުކުރާނެކަން އިއްޔެ އިލެކްޝަންސް ކޮމިޝަނުން އޮތީ އިއުލާނުކޮށްފައެވެ. 

އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން ހާމަަކުރި ހިސާބުތަކަށް ބަލާއިރު މެންދުރުފަހު 14:00 އާ ހަމައަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 44.75 އިންސައްތަ މީހުންނެވެ. އަދި ބާކީ 55.25 އިންސައްތަ މީހުން އެއިރު ވޯޓު ނުދެއެވެ. 

ނަމަވެސް ހަވީރުވުމާއި ވޯޓުލުން ނިންމައި ވޯޓު ފޮށި ބަންދުކުރަން ކުރިން ހަމަޖެހިފައި އޮތް ސުންގަޑި ކަމުގައިވާ 4:00 ކައިރިވަމުން އައިވަރަކަށް ވޯޓުލުމަށް ކިއުގައި ޖެހެމުންދިޔަ މީހުން އިތުރުވެ، ކިއުތަކުގައި ތިބި މީހުންގެ އަދަދު ވަރަށް ބޮޑަށް ގިނަވިއެވެ. 

ކިޔުންތެރިންގެ ހިޔާލު