ENGLISH

04 އޭޕްރީލު 2026

Advertisement

މިހާތަނަށް ވޯޓުލީ 131،947 މީހުން، ބާކީ ވޯޓުލާން ތިބީ 55.25 އިންސައްތަ މީހުން

04 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން، ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިހާތަނަށް 131،947 މީހުން މިއަދު ކުރިއަށްދާ ތިން އިންތިހާބުގައި ވޯޓު ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފިއެވެ. 

ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކާއެކު ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 44.75 އިންސައްތަ މީހުން ވޯޓުލާފައިވާކަން އީސީގެ ހިސާބުތަކުން ދައްކައެވެ. 

ކޮމިޝަނުގެ ހިސާބުތަކަށް ބަލާއިރު މިހާތަނަށް ވޯޓުލީ މީހުންގެ ތެރެއިން 63،175 މީހުންނަކީ އަންހެނުންނެވެ. 68،772 ފިރިހެނުން ވޯޓުދީފައިވެއެވެ. 

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 144،506 އަންްހެނުންނާއި، 150،370 ފިރިހެނުންނާއެކު ޖުމްލަ 294،876 މީހުންނަށެވެ. އެހެންކަމުން މިހާތަނަށް 44.75 މީހުން ވޯޓުލުމާއެކު، ބާކީ ވޯޓުލާން ތިބީ 162،929 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އާބާދީގެ 55.25 އިންސައްތަ މީހުންނެވެ. 

މިއަދު ކުރިއަށްދަނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރަށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ އިސްލާހުކުރުމާމެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓެވެ. 

މި އިންތިހާބުގެ ވޯޓުލުމަށް 888،845 ވޯޓު ކަރުދާސް އިލެކްޝަންސް ކޮމިޝަނުންވަނީ ޕްރިންޓުކޮށްފައެވެ. އެއީ ލޯކަލް ކައންސިލު އިންތިހާބަށް ޗާޕުކުރި 297،959 ވޯޓު ކަރުދާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޗާޕުކުރި 292،706 ވޯޓު ކަރުދާހާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓަށް ޗާޕުކުރި 298،180 ވޯޓު ކަރުދާހެވެ.

މިއަދުގެ ވޯޓުލުން ކުރިއަށްގެންދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެެވެ. ފޮށި ބަންދުކުރާނީ ހަތަރެއް ޖަހާއިރު ކިއުގައި ތިބި އެންމެން ވޯޓުލައި ނިމުމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު