ENGLISH
04 އޭޕްރީލު 2026
މިހާތަނަށް 45 އިންސައްތަ މީހުން ވޯޓު ލައިފި، ލިބުނީ ކުދި ޝަކުވާތަކެއް: ޒާހިދު
04 އޭޕްރީލު 2026
|
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު، ފޮޓޯ: ދައުރު
އެންމެ މަޤްބޫލު
މިހާތަނަށް 45 އިންސައްތަ މީހުން ވޯޓުލައިފިކަމަށާއި، މިހާތަނަށް އިލެކްޝަން ކޮމިޝަނަށް ލިބިފައި ހުރީ ވަރަށް ކުދި އާދައިގެ ޝަކުވާތައް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޒާހިދު ވިދާޅުވީ މިހާތަނަށް ލިބިފައި ހުރީ ބައެއް ރަށްރަށުގައި ކިއު ދިގުވުމާއި ހޫނުވުން ފަދަ ޝަކުވާތައް ކަމަށެވެ. އަދި ވޯޓުލުމާ ގުޅުންހުރި ބޮޑެތި ޝަކުވާތަކެއް ލިބިފައިނުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވި ގޮތުގައި އެއް ރަށުގައި ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް އެ ރަށުގައި ވޯޓުގެ ސައްހަކަމަށް އަސަރުކުރާނެ ފަދަ އެއްވެސް ކަމެއް ނުހިނގައެވެ. އަދި ވޯޓަށް އަސަރުކުރާނެ ފަދަ ކަމެއް އެއްވެސް ރަށެއްގައި ނުހިނގާކަމުގެ ޔަގީންކަން އީސީ ރައީސް ދެއްވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ތިން އިންތިހާބު އެކުގައި ކުރިއަށްގެންދާތީ، ވޯޓު ކަރުދާސްކޮޅު ދޭއިރު، ވަކިވަކިން ހަވާލުކުރަނީ ކޮން ކަރުދާހެއްކަން ބުނެދެމުންދާ ކަމަށެވެ. އަދި ވޯޓު ކަރުދާހުގައި ޓިކުޖެހުމަށްފަހު ލާންވީ ކޮން ފޮއްޓަކަށްކަން ކިޔައިދެމުންދާ ކަމަށެވެ.
ޒާހިދު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 45 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.
"މިއަދު މިހާ ހިސާބަށް އައިއިރުގައި އެންމެ ފަހުން ވޯޓުލީ މީހުންގެ ނިސްބަތަށް ބަލާއިރުގައި ގާތްގަނޑަކަށް 45 އިންސައްތަ މީހުން ވޯޓުދީފައިވޭ. އަޅުގަނޑުމެންގެ ރެކޯޑުތަކުން އެބަދައްކާ ގާތްގަނޑަކަށް 45 ޕަސެންޓާ ހަމައަށް ވޯޓުލި ކަމަށް. އެގްޒެކެޓް އަދަދެއް ދަންނަވާނަމަ 44.75 ޕަސެންޓު މީހުން ވޯޓުލާފަައިވޭ،" ޒާހިދު ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ވަގުތުކޮޅުގެ ތެރޭގައި ވީހާވެސް ގިނަ މީހުން ވޯޓުލުމަށް ނުކުމެ ވޯޓުދީ އިންތިހާބުގައި ބައިވެރިވުމަށް ޒާހިދު އެދިވަޑައިގަތެވެ. ހަތަރެއްޖަހާއިރު ކިއު ބަންދުކުރާނެކަން ފާހަގަކުރައްވަމުން ޒާހިދު އެދިވަޑައިގަތީ ކިއު ބަންދުކުރުމުގެ ކުރިން ކިއުގައި ޖެހުމަށެވެ.