ENGLISH
04 އޭޕްރީލު 2026
އިންތިޚާބުގެ އިންތިޒާމުތައް ޖުމްލަގޮތެއްގައި ރަނގަޅު: ޓްރާންސްޕޭރެންސީ
04 އޭޕްރީލު 2026
|
މިއަދު ކުރިއަށްދާ އިންތިހާބުގެ ތެރެއިން. ފޮޓޯ؛ ޕީއެސްއެމް
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ މި އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި، ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ފެންނަ، ނުފެންނަ ވޯޓު ނެގުމުގެ އިންތިޚާބުގެ އިންތިޒާމުތައް ޖުމްލަގޮތެއްގައި ރަނގަޅުކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
މި އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި، ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ފެންނަ، ނުފެންނަ ވޯޓު އޮބްޒާރވް ކުރުމަށްޓަކައި ޓްރާންސްޕޭރަންސީން ގެންދަނީ ގްރޭޓަރ މާލެ ސަރަހައްދާއި ރާއްޖޭގެ 15 އަތޮޅެއްގައި ހަރަކާތްތެރިވަމުން ނެވެ.
މިއަދު އިންތިޚާބީ މާހައުލުގައި ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި ޓްރާންސްޕޭރަންސީން އާއްމުކުރި ބަޔާނުގައި ވަނީ މި އިންތިހާބުގައި އެ ޖަމިއްޔާއަށް ފާހަގަވީ ކަންކަން ހާމަކޮށްފަ އެވެ.
ޓްރާންސްޕޭރަންސީން ބުނީ އިންތިޚާބުގެ ވޯޓުލުން ފެށިފައިވަނީ ޖުމްލަކޮށް ރަނގަޅު އިދާރީ އިންތިޒާމްތަކާއި އެކު، ހާމަކަމާއި އޮމާންކަމާއި އެކުގައި ކަމަށެވެ. ވޯޓުލާ 26 މަރުކަޒުތަކުގެ ތެރެއިން 15 މަރުކަޒު ހެނދުނު 8:10 ގެ ކުރިން ހުޅުވިފައިވާކަމަށާއި އަދި ހުރިހާ ވޯޓުލާ މަރުކަޒުތައް ހެނދުނު 9:00 ގެ ކުރިން ހުޅުވާފައިވާކަމަށް ޓްރާންސްޕޭރަންސީ ވަނީ ބުނެފަ އެވެ.
ޓްރާންސްޕޭރެންސީން އިތުރަށް ފާހަގަކޮށްފައިވާ ކަންކަން:
*ވޯޓުލާން ފެށުނުއިރު، ޖުމްލަކޮށް ހުރިހާ މަރުކަޒުތަކުގައި އޮފިޝަލުން ހަމަޔަށް ހާޒިރުވެ ތިބިކަން.
*ވޯޓުލާން ފެށުނުއިރު، ހުރިހާ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ބޭނުންވާ ތަކެތި ހަމައަށް ހުރުމާއި އެކު، ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފެށުމުގެ ކުރިން ވޯޓު ކަރުދާސްތައް ގުނާ ހަމަކުރެވުން.
*މަރުކަޒުތަކުގައި ވޯޓުލުން ފެށުމުގެ ކުރިން ވޯޓު ފޮށިތަކުގެ އެތެރެ ހުސްކަން ޔަގީންކޮށްދިނުމުގެ ގޮތުން ހުސް ވޯޓު ފޮށިތައް ދައްކާފައިވުން
*ޖުމްލަ ގޮތެއްގައި ހުރިހާ ވޯޓުލާ މަރުކަޒެއްގައި ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުން ތަމްސީލުކުރާ އެއް ނުވަތަ އެކަކަށް ވުރެ ގިނަ އޮބްޒާވަރުން ހުރިކަން.
* ވޯޓުލާން ފެށުނުއިރު ވޯޓުލާ 26 މަރުކަޒުތަކުގެ ތެރެއިން 25 ވޯޓުލާ މަރުކަޒުގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަކަން.
*އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިޔަށްދާއިރު، ވޯޓުލުމަށް ބެހެއްޓިފައިވާ ފޮށިތަކުގެ ތެރެއިން ވޯޓުލާ 23 މަރުކަޒުތަކުގެ ތެރެއިން 26 ވޯޓުލާ ފޮށިތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވުން.
ވޯޓުލާ މަރުކަޒުގެ އިންތިޒާމްތައް ހަމަޖެހިފައިހުރި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ފެންނަ މަރުކަޒުތައް އެ ޖަމްއިއްޔާއިން ވަރަށް ގާތުން އޮބްޒާވްކުރަމުން ގެންދާނެކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފަ އެވެ. ރޭ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޯޓުލުމުގެ އިޖުރާއަތްތަކަށް ގެނައި ކުއްލި ބަދަލުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލި ދާނެތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވޯޓުލުން ކުރިޔަށް ދާއިރު އަދި އޭގެ ފަހުންވެސް ސުލްހަވެރިކަމާއެކު ހަމަޖެހުން ގާއިމްކުރުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. މިއަދު ކުރިއަށްދާ އިންތިޚާބުގައިވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓުގައި ބައިވެރިވުމަށް ވެސް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވޯޓުލުމުގެ ކަންކަން ކުރިއަށްދާއިރު އަދި ވޯޓުލުން ނިމިގެން ވޯޓު ގުނުމުގެ މަރުހަލާ ފެށެންދެން އެ ޖަމިއްޔާގެ އޮބްޒާވަރުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ގެންދާނެ އެވެ.