ENGLISH

04 އޭޕްރީލު 2026

Advertisement

ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން ސުކޫކު ދައްކަން އެހީތެރިކަން ލިބުނު: އެމްއެމްއޭ

04 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އެމްއެމްއޭ އޮފީސް. ފޮޓޯ: އެމްއެމްއޭ

ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ބޭރު ފައިސާގެ ޤާނޫނު ތަންފީޒުކުރުމުގެ ނަތީޖާއަކީ ސޫކޫކު ފަދަ ސަރުކާރުގެ ދަރަނިތައް ދެއްކުމުގައި އެހީތެރިކަން ލިބުނުކަމެއް ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

މަރުކަޒީ ބޭންކުން މި ގޮތަށް ހާމަކުރީ 2021 ވަނަ އަހަރު ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އޭގެ ކޫޕަން ޕޭމަންޓަށް ވާ ޖުމުލަ 524.68 މިލިއަން ޑޮލަރު، މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ފިސްކަލް އެޖެންޓުގެ ހައިސިއްޔަތުން ދައްކައި ޚަލާސްކުރުމަށްފަހު ނެރުނު ނޫސް ބަޔާނުގަ އެވެ.

އެ އޮތޯރިޓީން ބުނީ ސުކޫކަށް ނަގާފައިވާ ދަރަންޏަށް ފައިސާދައްކާފައިވަނީ ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި ފައިސާގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ޤާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) ބޭނުންކޮށްގެން ކަމަށެވެ. މަރުކަޒީ ބޭންކުން ހާމަކުރާގޮތުގައި، ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށާއި އަދި ބޭރު ފައިސާގެ ލިކިއުޑިޓީ އިތުރުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެމްއެމްއޭއިން ވަނީ ތަންފީޒުކުރަން ފަށާފަ އެވެ. އެގޮތުން، 2024 ވަނަ އަހަރު، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާވެ، ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް ދެއްކުމުގައި މުޙިއްމު ކުރިއެރުންތަކެއް ލިބުންކަން އެ އޮތޯރިޓީން ހާމަކުރެ އެވެ. އަދި އޭގެ އިތުރުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި އަދި މިކަމާ ގުޅޭ އެހެނިހެން އިސްތިރާޖީ ރިފޯމްސްތައް ތަންފީޒުކުރެވިފައިވަނީ ދިވެހި ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތަކާއި އެމްއެމްއޭއާއި ގުޅިގެން ކުރެވުނު މުޙިއްމު މަސައްކަތްތަކުން ކަމަށްވެސް އެ އޮތޯރިޓީން ހާމަކުރެ އެވެ.  

އެމްއެމްއޭއިން ހާމަކުރާ ގޮތުގައި، ކުރިއަތް އޮތްތާގައިވެސް އެ އޮތޯރީޓީ މަސައްކަތްކުރަމުން ދާނީ ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތާކުގެ އެއްބާރުލުމާއެކު، ދައުލަތުގެ ރިޒާވު އިތުރަށް ވަރުގަދަކުރުމަށްޓަކައި އެކުލަވާލަންޖެހޭ އެންމެހައި ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގަ އެވެ.  

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު ނުވަތަ 8 ބިލިއަން ރުފިޔާ ސަރުކާރުން އިއްޔެ ދައްކާ ހަލާސްކުރީ އެ ސުކޫކު ދައްކަން ޖެހޭ މުއްދަތަށް ވުރެ ކުރިންނެވެ. 

ސުކޫކަށް ދެއްކި 524.68 މިލިއަން ޑޮލަރު ގެ ތެރޭގައި ހިމެނެނީ ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި އިންޓްރެސްޓަށްވާ 25 މިލިއަން ޑޮލަރެވެ. 

މި ސުކޫކު ސަރުކާރުން އަދާކުރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު