ENGLISH
04 އޭޕްރީލު 2026
ދިވެހީންގެ ބޮޑު ނިންމުން؛ ތިން ގަޑިއިރުން 19.95 އިންސައްތަ މީހުން ވޯޓު ލައިފި
04 އޭޕްރީލު 2026
|
ވޯޓުލުމަށް ސަފުގައި ޖެހިގެން ބަޔަކު ތިބުން، ފޮޓޯ: ދަ ޕްރެސް
އެންމެ މަޤްބޫލު
މިއަދު ހެނދުނުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ތިން އިންތިހާބުގައި ފުރަތަމަ ތިން ގަޑިއިރު ތެރޭ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 19.95 އިންސައްތަ މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސްހިސާބތަކަށް ބަލާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،876 މީހުންނަށެވެ. އެއީ 144،506 އަންހެނުންނާއި، 150،370 ފިރިހެނުންނެވެ.
ހެނދުނު 8:00 ގައި ފެށި ވޯޓުގައި މިހާތަނަށް ޖުމްލަ 58،819 މީހަކު ވޯޓުލާފައިވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 19.95 އިންސައްތައެވެ. ޖުމްލަ ވޯޓުނުލާ މީހުންގެ އަދަދަކީ 236،057 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80.05 އިންސައްތަ މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 25،761 އަންހެނުންނާއި 33،058 ފިރިހެނުން މިއަދުގެ ތިން އިންތިހާބުގައި ވޯޓުލާފައިވެއެވެ.
މިއަދު ކުރިއަށްދަނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރަށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ އިސްލާހުކުރުމާމެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓެވެ.
މި އިންތިހާބުގެ ވޯޓުލުމަށް 888،845 ވޯޓު ކަރުދާސް އިލެކްޝަންސް ކޮމިޝަނުންވަނީ ޕްރިންޓުކޮށްފައެވެ. އެއީ ލޯކަލް ކައންސިލު އިންތިހާބަށް ޗާޕުކުރި 297،959 ވޯޓު ކަރުދާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޗާޕުކުރި 292،706 ވޯޓު ކަރުދާހާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓަށް ޗާޕުކުރި 298،180 ވޯޓު ކަރުދާހެވެ.
މިއަދުގެ ވޯޓުލުން ކުރިއަށްގެންދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެެވެ. ފޮށި ބަންދުކުރާނީ ހަތަރެއް ޖަހާއިރު ކިއުގައި ތިބި އެންމެން ވޯޓުލައި ނިމުމުންނެވެ.