ENGLISH

04 އޭޕްރީލު 2026

Advertisement

މިއީ ގައުމީ ވާޖިބެއް، ގާނޫނީ ހައްގު އަދާކުރައްވާ: ފަލާހް

04 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު

ވޯޓު ލުމަކީ ގައުމީ ވާޖިބެއްކަން ހަނދާންކޮށްދިނުމާއެކު ގާނޫނުން ލިބިދޭ މި ހައްގު އަދާކުރުމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ރައްޔިތުންނަށް އިލްތިމާސްކުރައްވައިފި އެވެ. 

ފަލާހު މިފަދައިން އިލްތިމާސްކުރެއްވީ  މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނަގާ އާއްމު ހިޔާލު ހޯދުމުގެ އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ކުރު ބަސްދީގަތުމެއްގަ އެވެ. 

ފަލާހު ވިދާޅުވީ 1،350 އެއްހާ ކެންޑިޑޭޓުންނާއެކު މިއަދު ބޭއްވޭ ލޯކަލް ކައުންސިލު އިންތިހާބަކީ ރާއްޖޭގައި ގައުމީ ފެންވަރުގައި ބޭއްވޭ ބޮޑު އިންތިހާބެއްކަމަށެވެ. 

"ދަންނަވާލަން ބޭނުންވަނީ ހުރިހާ ރައްޔިތުން އަދާކުރަންޖެހޭ ގާނޫނީ ބޮޑު ޒިންމާއެކޭ މިއީ. އެހެންވީމަ ވީހާވެސް ގިނަ ރައްޔިތުން ނުކުމެ މި ވޯޓުގައި ބައިވެރިވެ ވޯޓުލާން ގިނަ ރައްޔިތުން ނުކުތުމަކީ ގައުމީ ވަރށް ބޮޑު ވާޖިބެކެވެ،". ފަލާހު ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި 1،592 ކެނޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 1،368 ކެންޑިޑޭޓުން ވާދަކުރާކަން އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އިންތިހާބުގައި 144،506 އަންހެނުންނާއި، 150،370 ފިރިހެނުންނާއެކު ޖުމްލަަ 299،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އަދި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް 1،356 މަގާމަކަށް މީހުން އިންތިހާބުކުރާނެއެވެ. 

ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. 

ކިޔުންތެރިންގެ ހިޔާލު