ENGLISH
04 އޭޕްރީލު 2026
އެސްޑީއެފްގައި ހުރި ބޭރު ފައިސާ މާރުކުރަން މަގުފަހިކުރީ ކޮވިޑުގެ ހާލަތު މެދުވެރިނުވަނީސް: ސައީދު
04 އޭޕްރީލު 2026
|
އިގުތިސާދީ ތަރަައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
އެންމެ މަޤްބޫލު
ދިވެހި ދައުލަތުގެ ދަރަނި އަދާކުރުމަށްޓަަކައި ފަހަށް ފައިސާ ރައްކާކުރުމުގެ ބޭނުމުގައި 2017 ވަނަ އަހަރު ގާއިމުކުރި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި އެއިރު ރައްކާކޮށްފައި ހުރި ބޭރު ފައިސާ މާރުކުރުމަށް މަގުފަހިވާނެ ގޮތަށް ކުރީ ސަރުކާރުން އުސޫލުތައް ބަދަލުކުރީ ކޮވިޑް-19ގެ އާލަމީ ވަބާ މެދުވެރިނުވަނީސްކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
2021 ވަނަ އަހަރު ކުރީ ސަރުކާރުން ސުކޫކެއް ވިއްކައިގެން ދަރަންޏަށް ނެގި 500 މިލިއަން ޑޮލަރާއި، މި އަހަރު އެ ދަރަނީގެ އިންޓަރެސްޓުގެ ގޮތުގައި ދައްކަންޖެހުނު 24.6 މިލިއަން ޑޮލަރު އެކީ އެއްފަހަރާ އަދާކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކަށް އިޝާރާތްކުރައްވައި އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގުރާމުގައި ރޭ ދެއްކެވި ވާހަކަފުޅުގައި ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތުގެ ދަރަނީގެ ހާލަތު އޮތީ ވަރަށް ނުރައްކާ ހާލަތެއްގަައި ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ފައިސާ ޗާޕުކުރުމާއި، ދައުލަތުގެ މާލީ ހާލަތަަށް ރިއާޔަތްކުރުމެއް ނެތި ދަރަންޏަށް ގިނަ އަދަދެއްގެ ފައިސާ ނެގުމުގެ ސަބަބުން ދަރަނީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތް އެ ދަނޑިވަޅުގައި އެއިރު ކުރި އެންމެ ނުރައްކާތެރި އެއްކަމަކީ 2018 ވަނަ އަހަރު ނިމުނުއިރު އެސްޑީއެފްގައި ރައްކާކޮށްފައި ހުރި 250 މިލިއަން ޑޮލަރު މާރުކުރުން ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި އެއިރު ޕީޕީއެމްގެ ސަރުކާރުގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ގާއިމުކުރީ އެންމެ ޒިންމާދާރު ގޮތަކީ ކުރިއަށް އޮތް ޖީލުތަކަށް ސަރުކާރުން އުފައްދާ ދަރަނީގެ ބުރަ ވާރުތަވިޔަނުދީ އެ ސަރުކާރަކުން އުފައްދާ ދަރަނި އެ ވެރިކަމެއްގެ ތެރޭގައި ރައްކާކުރާ ފައިސާއިން އަދާކުރެވޭނެ ގޮތް ގާއިމުކުރުންކަމަށް ދެކިގެން ކަމަށެވެ.
"އެއިރު އެ ފަންޑުގައި އަތެއް ނުލެވޭނެ. އެ ފަންޑުގައި އަތްލުން މަނާވާނެ އިނގޭތޯ. އެހެންވެ ގްރޯވެގެން ދިޔައީ، މިސާލަކަށް ދެ އަހަރުން ނުވަތަ ތިން އަހަރުން 250 މިލިއަން ޑޮލަރަށް އެ ފަންޑު އެރީ. އެގޮތަށް އިތުރުވަމުންދިޔަނަމަ ގާތްގަނޑަކަށް ހައެއްކަ އަހަރު ތެރޭ 500 ނުވަތަ 600 މިލިއަން ޑޮލަރު ޖަމާވެފައި ހުންނާނެ ދެއްތޯ؟ މިހާރު ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ ދެ އަހަރު ތެރޭ މިދިޔައީ 300 މިލިއަން ޑޮލަރަށް،" ސައީދު ވިދާޅުވިއެވެ.
ކުރިން އަތްނުލެވޭ ގޮތަށް އަދި ސަރުކާރަށް އެ ފަންޑުގައި ހުރި ފައިސާ ބޭނުންނުކުރެވޭ ގޮތަށްް އޮއްވައި 2019 ވަނަ އަހަރު އެއިރުގެ ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން އެ ފަންޑުގައި ހުރި ފައިސާ މާރުކުރެވޭ ގޮތަށް ބަދަލުކުރެވުނުކަން ސައީދު ފާހަގަކުރެއްވިއެވެ.
"މިބޭފުޅުން ވިދާޅުވަނީ ކޮވިޑާ ގުޅިގެންނޭ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުކުރަންޖެހުނީ. އެކަމަކު ކޮވިޑު އައުމުގެ ކުރިން އެ ފަންޑު އަންލޮކްކޮށްފައި އޮތީ ސަރުކާރަށްް ބޭނުންކުރެވޭ ގޮތަށް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން. ދިމާ އިދިކޮޅަށް އެކަން ކޮށްފައި އޮތީ. ކޮވިޑު ބަދަލުނުކުރަނިކޮށް އެއޮތީ ފަންޑު ބޭނުންކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައި،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެސްޑީއެފް އެގޮތަށް ބޭނުންކުރުން ވެގެންދިޔައީ ރަައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށްް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ. ނަމަވެސް އެމަނިކުފާނުގެ މަސައްކަތްޕުޅުން އެ ފަންޑުގައި ހުރި ފައިސާ އިތުރުކުރައްވައި، އެ ފައިސާއާއި ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެން ސުކޫކުގެ ދަރަނި އަދާކުރެވުމަކީ ހާސިލުކުރެވުނު ބޮޑު ކާމިޔާބެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ ފަންޑަށް ޖަމާކޮށް ރައްކާކުރެވުނު ފައިސާ އިތުރުކުރުމާއެކު، ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ބޭރު ފައިސާގެ ގާނޫނަށް ގެނެވުނު އިސްލާހަކީ ދަރަންޏަށް އިތުރު ފައިސާއެއް ނުނަގައި ދަރަނި އަދާކުރުމަށް މަގުފަހިކޮށްދިން ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ދެ ސިޔާސަތު ކަމަށެވެ.