ENGLISH

04 އޭޕްރީލު 2026

Advertisement

ދިވެހީންގެ ބޮޑު ނިންމުން؛ ހުރިހާ ފޮއްޓެއްގައި ވޯޓުލާން ފެށުނީ 9:30 ގައި

04 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

މިއަދު އިންތިހާބުގައި މީހަކު ވޯޓުލަނީ، ފޮޓޯ: މިހާރު

މިއަދު ކުރިއަށްދާ ތިން އިންތިހާބުގައި ހުރިހާ ފޮއްޓެއްގެ ވޯޓުލުން ފެށުނީ 9:30 ހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކުގެ އިތުރަށް މިއަދު ކުރިއަށްދަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގުކުރުމާ ގުޅޭ ގޮތުން އާއްމު ހިޔާލު ހޯދުމަށް ނަގާ ވޯޓެވެ. 

އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ޝާއިއުކުރި ޕޯސްޓުގައި ބުނެފައިވަނީ 588 ވޯޓު ފޮށީގެ ތެރެއިން 585 ވޯޓު ފޮށީގެ ވޯޓުލުންވަނީ ފެށިފައިވާކަމަށް ހެނދުނު 9:19 ހާއިރު އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް، 9:30 ގައި އީސީން ބުނެފައިވަނީ އެއިރު ހުރިހާ ފޮއްޓެއްގައި ވޯޓުނަގަން ފެށިފައިވާ ކަމަށެވެ. 

އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ކުރީގެ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުތަކާ އަޅާބަލާއިރު މިހާރު ކުރިއަށްދާ އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ގިނަ ކަމުގައި ފާހަގަކުރެވެއެވެ. ބައެއް މަރުކަޒުތަކުގައި ދިގު ކިއުތަކެއް އޮތްކަން ފާހަގަކުރެވެއެވެ. 

މި އިންތިހާބުތަކުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުން މިވޯޓުގައި ބައިވެރިވާނެއެވެ. 

ކައުންސިލު އިންތިހާބުގައި 1،592 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރާނެއެވެ. ލޯކަލް ކައުންސިލުތަކަށް 678 މީހުން އިންތިހާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މީހުން އިންތިހާބުކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު