ENGLISH
04 އޭޕްރީލު 2026
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވޯޓު ލައްވައިފި
04 އޭޕްރީލު 2026
|
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވޯޓުލައްވަނީ، ފޮޓޯ: ދަ ޕްރެސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.
ފަސްޓްް ލޭޑީ ސާޖިދާ ވޯޓު ލެއްވީ އަމީނިއްޔާ ސްކޫލުގައި ހުރި މައްޗަންގޮޅީ އުތުރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. އެކަމަނާ ވޯޓު ލެއްވުމަށް ވަޑައިގަތީ ހެނދުނު 9:15 ހާއިރުއެވެ. އެކަމަނާ ހެނދުނު ވޯޓު ދެއްވިއިރު އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ތާޖުއްދީން ސްކޫލުގައި ހުރި މާފަަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލައްވާފައެވެ.
ވޯޓު ދެއްވުމަށްފަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަައި، ރައްޔިތުންނަަށް އިލްތިމާސްކުރެއްވީ ހުރިހާ ބޭފުޅުންވެސް ގާނޫނީ ހައްގު އަދާކުރެއްވުމަށް މިއަދުގެ ވޯޓުގައި ބައިވެރިވެ ވޯޓު ދިނުމަށެވެ.
"ރައްޔިތުންގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް، މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ދެކަނބަލުން ވޯޓު ދެއްވާފައިވާއިރު، ހެނދުނު 8:00 ގައި ތިން އިންތިހާބުގެ ވޯޓުލުން ފެށިފައިވެއެވެ. އެއީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި 1،592 ކެނޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 1،368 ކެންޑިޑޭޓުން ވާދަކުރާކަން އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އިންތިހާބުގައި 144،506 އަންހެނުންނާއި، 150،370 ފިރިހެނުންނާއެކު ޖުމްލަަ 299،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އަދި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް 1،356 މަގާމަކަށް މީހުން އިންތިހާބުކުރާނެއެވެ.
މި އިންތިހާބުގެ ވޯޓުލުމަށް 888،845 ވޯޓު ކަރުދާސް އިލެކްޝަންސް ކޮމިޝަނުންވަނީ ޕްރިންޓުކޮށްފައެވެ. އެއީ ލޯކަލް ކައންސިލު އިންތިހާބަށް ޗާޕުކުރި 297،959 ވޯޓު ކަރުދާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޗާޕުކުރި 292،706 ވޯޓު ކަރުދާހާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓަށް ޗާޕުކުރި 298،180 ވޯޓު ކަރުދާހެވެ.