ENGLISH
04 އޭޕްރީލު 2026
ރައީސުލްޖުމްހޫރިއްޔާ ތިން އިންތިހާބުގައި ވޯޓު ލައްވައިފި، އެދިވަޑައިގަތީ ރައްޔިތުން ވޯޓުގެ ހައްގު އަދާކުރުމަށް
04 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވޯޓު ލެއްވުން, ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ އިންތިހާބުގައި ވޯޓު ދެއްވައިފިއެވެ.
ރައީސް ޑރ.މުޢިއްޒު ވޯޓުލައްވާފައިވަނީ ތާޖުއްދީން ސުކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ. ވޯޓު ދެއްވުމަށް ރައީސް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ދަރިކަނބަލުން އެމަނިކުފާނުގެ އަރިހުގައި ވޯޓު ލެއްވުމަށް ވަޑައިގަތެވެ.
ތާޖުއްދީން ސްކޫލަށް ވަޑައިގެން ވޯޓުލެއްވުމަށްފަހު ރައީސްވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި، ހުރިހާ ރައްޔިތުންވެސް ވޯޓު ލުމަށް ނުކުތުމަށް އެދިވަޑައިގެންފައެވެ.
"ރައްޔިތުންގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް، މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ދެކަނބަލުން ވޯޓު ދެއްވާފައިވާއިރު، ހެނދުނު 8:00 ގައި ތިން އިންތިހާބުގެ ވޯޓުލުން ފެށިފައިވެއެވެ. އެއީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި 1،592 ކެނޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 1،368 ކެންޑިޑޭޓުން ވާދަކުރާކަން އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އިންތިހާބުގައި 144،506 އަންހެނުންނާއި، 150،370 ފިރިހެނުންނާއެކު ޖުމްލަަ 299،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އަދި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 225 ދާއިރާއަކަށް 1،356 މަގާމަކަށް މީހުން އިންތިހާބުކުރާނެއެވެ.
މި އިންތިހާބުގެ ވޯޓުލުމަށް 888،845 ވޯޓު ކަރުދާސް އިލެކްޝަންސް ކޮމިޝަނުންވަނީ ޕްރިންޓުކޮށްފައެވެ. އެއީ ލޯކަލް ކައންސިލު އިންތިހާބަށް ޗާޕުކުރި 297،959 ވޯޓު ކަރުދާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޗާޕުކުރި 292،706 ވޯޓު ކަރުދާހާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓަށް ޗާޕުކުރި 298،180 ވޯޓު ކަރުދާހެވެ.