ENGLISH
04 އޭޕްރީލު 2026
ވީއައިއޭގެ ޓެކްސީވޭ-ޗާލީ ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި
03 އޭޕްރީލު 2026
|
ވީއައިއޭގެ ޓެކްސީވޭ-ޗާލީ ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ ތެރެއިން. ފޮޓޯ؛އެމްްއޭސީއެލް
އެންމެ މަޤްބޫލު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި އެވެ.
މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ބުނީ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާ ކަމަށެވެ. އެ ކުންފުންޏާއެކު އެމްއޭސީއެލްއިން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 16 އޮކްޓޯބަރު 2024 ގައެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަޏީ 10 އޭޕްރިލް 2025 ގައެވެ. އެމްއޭސީއެލްއިން ބުނީ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ޓެކްސީވޭ-ޗާލީގެ 1,100 މީޓަރު އަލުން ތަރައްގީކުރާނެ އެވެ. މި ފިޔަވަހީގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 އޮކްޓޫބަރު 2026 އަށެވެ.
3،200 މީޓަރު ދިގު ޓެކްސީވޭ-ޗާލީ އަކީ 1976 ވަނަ އަހަރު ހެދި ވީއައިއޭގެ އެންމެ ފުރަތަމަ ރަންވޭ އެވެ. މި ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭވަރަށް ތަރައްގީކުރީ 1981 ވަނަ އަހަރު އެވެ. އެއަށްފަހު ރަންވޭ ދިގުކޮށް އެތައް ފަހަރެއްގެ މަތިން މަރާމާތު ކޮށްފައި ވެއެވެ. ހާއްސަކޮށް 2004ގެ ސުނާމީ ކާރިސާއަށްފަހު ރަންވޭ އަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު ކުރަން ޖެހުނުކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ. މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރީ އޮކްޓޯބަރު 2022ގައެވެ. އެއީ މިހާރު ބޭނުން ކުރަމުން އަންނަ ކޯޑް އެފް ރަންވޭ ބޭނުންކުރަން ފެށުމުންނެވެ.