ENGLISH
20 އޭޕްރީލު 2025
ދަނގެތި ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
14 ޑިސެމްބަރު 2024
|
އދ. ދަނގެތި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ. ދަނގެތި ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަނގެތި ކައުންސިލްގެ އިދާރާގައި މިރޭ ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ބަނދަރުގެ އެކްސްޓެންޝަން މަޝްރޫޢުގައި ހުރި ކަންބޮޑުވުންތައް ވަރަށް ތަފްޞީލީ ގޮތެއްގައި ޙިއްޞާކުރައްވާފައެވެ. އަދި ރަށުގެ ޒުވާނުންނަށް ގޯތި ބޭނުންވާކަން ފާހަގަކުރައްވައި، ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ސުކޫލަށް މަލްޓި ޕާޕަސް ހޯލެއް ބޭނުންވާ ކަމަށާއި ރަށަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޑޮލަރު އޭ.ޓީ.އެމްއެއް ރަށަށް ބޭނުންވާ ކަމަށާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދަނގެތީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދަނގެތީގައި ކަލްޗަރަލް ސެންޓަރ ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށާއި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިއަށްގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޑޮލަރ އޭ.ޓީ.އެމްގެ ކަންކަން ބައްލަވައި، ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.