ENGLISH
20 އޭޕްރީލު 2025
ރައީސުލްޖުމްހޫރިއްޔާ، އަރިއަތޮޅު ދެކުނުބުރިއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއް ފައްޓަވައިފި
14 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ފައްޓަވައިފިއެވެ.
މި ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރީ ދަނގެތި، މަހިބަދޫ އަދި އޮމަދުއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އަދި މި ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރީގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި، އެރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއި މެދު މަޝްވަރާ ކުރައްވާނެއެވެ. އެގޮތުން ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި، މިހާތަނަށް 185 ކައުންސިލަކާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.