ENGLISH
20 އޭޕްރީލު 2025
ހައުސިންއާ ބެހޭ މައުލޫމާތުތައް ރިކަވަރ ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: ވަޒީރު މުއްޠަލިބު
14 ޑިސެމްބަރު 2024
|
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްޠަލިބު މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ:އެމްއެމް
ހައުސިންއާ ބެހޭ މުހިންމު ގިނަ މަޢުލޫމާތުތައް ރިކަވަރ ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޢިމާރަތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑޮކްޓަރ އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ފުދޭވަރަކަށް ގިނަ ޑާޓާތަކުގެ ބެކްއަޕް ހުރި ކަމަށާއި ރައްޔިތުންނާ ގުޅުން ހުރި ހައުސިން މަޝްރޫއުގެ އެއްވެސް މަޢުލޫމާތުތެއް ގެއްލިފައި ނުވާކަމަށާއި ސަރުކާރުން އަލަށް ހުޅުވާލި ލޯނު ސްކީމްގެ އެޕްލިކޭޝަންތައް ވެސް ނުގެއްލޭ ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ދައުލަތުގެ އިދާރާތަކުގެ ޑޭޓާތައް މިހާތަނަށް އަޅުގަނޑުމެން ބެލިބެލުމުން އަޅުގަނޑުމެން އަތުގަ ފުދޭވަރެއްގެ ގިނަ ޑޭޓާތައް އެބަ ހުރި، ސްޓޯކުރެވިފަ ބެކަޕް ހެދިފައި. ދެން އަޅުގަނޑުމެން ބަލަމުން އެސެސް ކުރަމުން މި ގެންދަނީ އަޅުގަނޑުމެން އަތުން މަދުވެގެން ދާނީ ކޮން އެއްޗިއްސެއްތޯ، އޭގެ ތެރޭގައި ސީދާ ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކަށް ބަލާއިރު ހައުސިންގއާ ގުޅުންހުރި އެއްވެސް އިންފޮމޭޝަނެއް ގެއްލިފަ ނުވާކަމަށް، މިހާރުވެސް އެބަ ހުރިކަމަށް އަޅުގަނޑުމެންނަށް ޔަގީންކުރެވޭ." - ވަޒީރު މުއްޠަލިބު
ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން ވުޒާރާގެ މަސައްކަތްތައް ދަރުބާރުގެއަށް ވަނީ ބަދަލުކޮށްފައެވެ. ވަޒީރު ވިދާޅުވީ މާދަމާ އިން ފެށިގެން ދަރުބާރުގެއިން ވުޒާރާތަކުގެ ޚިދުމަތް ލިބެމުންދާނެ ކަމަށެވެ. އަދި ދަރުބާރުގޭގައި ވުޒާރާތަކުގެ ސެޓްއަޕްތައް ހަދަމުންދަނީ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެގޮތަށް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.