ENGLISH

10 އޭޕްރީލު 2025

Advertisement

ވާސްޓެޕަން އަށް ފޯމިއުލާ ވަން ޗެމްޕިއަން ޓްރޮފީ ރުވާންޑާގައި ހަވާލުކޮށްފި

14 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ފޯމިއުލާ ވަން ދުނިޔޭގެ ޗެމްޕިއަން، ވާސްޓެޕަން ޓްރޮފީ އާއެކު. --ފޮޓޯ: ގެޓީ އިމޭޖަސް

އެންމެފަހުގެ ފޯމިއުލާ ވަން ދުނިޔޭގެ ޗެމްޕިއަން، މެކްސް ވާސްޓެޕަން އަށް ޓްރޮފީ ހަވާލުކޮށްފިއެވެ.

ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ފޯމިއުލާ ވަން ޗެމްޕިއަންކަން ހޯދި ވާސްޓެޕަން އަށް ޓްރޮފީ ދިނުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ރުވާންޑާ ގައެވެ. މިއީ އެފްރިކާގައި މިފަދަ ރަސްމިއްޔާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ކިގާލީގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ވާސްޓެޕަން އަށް ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދީފައިވަނީ، އިންޓަރނޭޝަނަލް އޮޓޯމޮބައިލް ފެޑެރޭޝަން (އެފްއައިއޭ)ގެ ރައީސް، މުޙައްމަދު ބެން ސުލައިމް އާއި ރުވާންޑާގެ ރައީސް، ޕޯލް ކަގާމޭ އެވެ.

އުމުރުން 27 އަހަރުގެ ވާސްޓެޕަން އަކީ، 1950 ވަނަ އަހަރު ފޯމިއުލާ ވަން ޗެމްޕިއަންޝިޕް ފެށުނީއްސުރެ މިހާތަނަށް ހަތަރަކަށް ވުރެ ގިނަ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަ ދުއްވުންތެރިންގެ ތެރެއިން އެއް ރޭސް ދުއްވުންތެރިޔާ އެވެ.

ނެދަލެންޑްސްގެ ފޯމިއުލާ ވަން ކާރު ދުއްވުންތެރިޔާ ވާސްޓެޕަން ބުނީ، 2024 ވަނަ އަހަރުގެ ސީޒަން ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި، އޭނާގެ ޓީމުގެ ހުރިހާ މެންބަރުންނާ މެދު ފަޚުރުވެރިވާ ކަމަށެވެ.

ވާސްޓެޕަން ބުނީ، ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހާސިލްކުރުމަކީ ޔަޤީނުން ވެސް ޤަބޫލުކުރަންދަތި އަޖައިބުކުރަނިވި ކާމިޔާބީއެއް ކަމަށެވެ. އަދި، ކުރިއަށް އޮތް ތާނގާއި، އެ ކާމިޔާބީތައް ތަކުރާރުކޮށް ދިގު މުއްދަތަކަށް ދެމިގެންދާ ގޮތަށް މަސައްކަތްކުރާނެ ކަމަށް ވެސް ވާސްޓެޕަން ބުންޏެވެ.

މި ފަހަރުގެ ފޯމިއުލާ ވަން ސީޒަނުގެ ކޮންސްޓްރަކްޓަރުންގެ ޗެމްޕިއަންކަން ހޯދީ މެކްލާރެން އެވެ. މިއީ 26 އަހަރުގެ ތެރޭގައި އެ ޓީމުގެ ފުރަތަމަ ކާމިޔާބީ އެވެ. މެކްލާރެން އިން މިވަނީ، މިދިޔަ އަހަރުތަކުގައި ރެޑް ބުލް އިން ހޯދަމުންއައި ކާމިޔާބީތައް ހުއްޓުމަކަށް ގެނެސްފައެވެ.

އަހަރުގެ އެންމެ މޮޅު އެކްޝަން އޮފް ދި އިޔާ އަށް ހޮވުނީ، ވާސްޓެޕަން އާ އެކު ރެޑް ބުލްގައި ދުއްވަމުން އަންނަ މެކްސިކޯގެ ސާޖިއޯ ޕެރޭޒް އަށެވެ. އެއީ، ޗައިނާގައި ބޭއްވި ގްރޭންޑް ޕްރިކްސްގައި ކުރި އޯވާޓޭކެއްގެ ސަބަބުން ލިބުނު އެވޯޑެކެވެ.

އަހަރުގެ ރުކީ އަށް ހޮވުނީ، ބްރެޒިލްގެ ފޯމިއުލާ ދޭއްގެ ޗެމްޕިއަން، ގެބްރިއެލް ބޯޓޮލެޓޯ އެވެ. ކުރިއަށް އޮތް ސީޒަނުގައި ފޯމިއުލާ ވަންގައި އޭނާގެ ފުރަތަމަ ފެނިލުމުގައި ދުއްވާނީ ސޯބަރ ޓީމަށެވެ.

ކިޔުންތެރިންގެ ހިޔާލު