ENGLISH

20 އޭޕްރީލު 2025

Advertisement

މިރޭ 12 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާވާނެ!

14 ޑިސެމްބަރު 2024

|

އެމް އެމް

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާހާ އެކު މިރޭ 12 އިން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާވާނެ އެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް އެކި މަރުހަލާތަކަށް ބަހާލައިގެން އަމަލުކުރެއްވުމަށް ޤާނޫނުތަކަށް ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން، ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައިވާއިރު، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާވާނެ އެވެ.

މީގެ އިތުރުން، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާ ޚިލާފުވެއްޖެ ނަމަ ބޮޑު ޖޫރުމަނާއެއް ދައްކަން ޖެހޭނެއެވެ.

އެގޮތުން، ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ އެފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ރާއްޖޭގައި ވިއްކައިފިނަމަ އެ ފަރާތެއް 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ އެއްޗެއް ހިލޭ ބަހައިފިނަމަ އެކަން ކުރި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ދިވެހި ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ގިނަ ބައެއްގެ ތަޢުރީފް ލިބުނެވެ. މިގޮތުން ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ބެލެނިވެރިންނާއި މުދައްރިސުން ވަނީ މި ނިންމެވުމަށް ތަޢުރީފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު