ENGLISH
10 އޭޕްރީލު 2025
އެންބީއޭ: ކަވާލިއާސް އިން ވިޒަޑްސް ބަލިކޮށްފި
14 ޑިސެމްބަރު 2024
|
ކަވާލިއާސްއާ ވިޒަޑްސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އެންބީއޭގައި ކްލީވްލެންޑް ކަވާލިއާސް އިން 115-105 ގެ ތަފާތަކުން ވޮޝިންގޓަން ވިޒަޑްސް ބަލިކޮށްފިއެވެ.
ކްލީވްލެންޑްގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ދެ ކުއާޓާ ދިޔައީ ވަރަށް އެއްވަރުކޮށެވެ. އެގޮތުން، ފުރަތަމަ ކުއާޓާ ނިމުނީ 25-25 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އެކަމަކު، ދެންޖެހިގެން އައި ކުއާޓާގައި 32-29 އިން ކަވާލިއާސް އިން ލީޑު ނެގިއެވެ.
ތިންވަނަ ކުއާޓާގައި ވެސް، ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައި، 30-26 އިން ކަވާލިއާސް ވަނީ ކުރި ހޯދައިފައެވެ. އެއަށްފަހު ދެން ކުޅުނު ހަތަރުވަނަ ކުއާޓާގައި ވެސް ކަވާލިއާސް ވަނީ ލީޑު ދަމަހައްޓައި، 28-25 އިން ކުރީގަ އޮވެގެން ނިންމާލައިފައެވެ.
މި މެޗުގައި ކަވާލިއާސް އަށް އެންމެ މޮޅު ކުޅުމެއްދެއްކި ޑާރިއަސް ގާލަންޑް ވަނީ 24 ޕޮއިންޓާއެކު، އަށް އެސިސްޓް ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖަރެޓް އެލަން ވަނީ 21 ޕޮއިންޓާއެކު 11 ރީބައުންޑް ނަގައިފައެވެ.
ވިޒަޑްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ބިލާލް ކުލިބާލީ އެވެ. އޭނާ ވަނީ 27 ޕޮއިންޓާއެކު ހަ ރީބައުންޑް ނަގައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖޯޑަން ޕޫލް ވަނީ 17 ޕޮއިންޓާއެކު ފަސް ރީބައުންޑް ނަގައި، ހަ އެސިސްޓް ހަދައިފައެވެ.
މި ނަތީޖާއާއެކު ކަވާލިއާސް އުޅެނީ އީސްޓަން ކޮންފަރެންސްގެ އެއްވަނައިގައެވެ. އެ ޓީމު ވަނީ މިހާތަނަށް ކުޅުނު 26 މެޗުގެ ތެރެއިން 22 މެޗު ކާމިޔާބުކޮށްފައެވެ. ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ބޮސްޓަން ސެލްޓިކްސް އެވެ. އެ ޓީމު ވަނީ 20 މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުން ބަލިވި ވިޒަޑްސް އޮތީ 15 ޓީމު ވާދަކުރާ އީސްޓަން ކޮންފަރެންސްގެ އެންމެ ފުލުގައެވެ. އެ ޓީމު މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. ދެން ކުޅުނު 20 މެޗުން ވަނީ ބަލިވެފައެވެ.
މި މުބާރާތުގައި ކަވާލިއާސް އަށް ދެން އޮތީ ރަށުން ބޭރުގައި ނިއު ޖާޒީ ނެޓްސްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު އެވެ.