ENGLISH
20 އޭޕްރީލު 2025
އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް އަމާޒު: ޢައިޝަތު ޝިހާމް
14 ޑިސެމްބަރު 2024
|
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް
އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް އަމާޒު ކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން، ޔޫ.އެން އެސްކޭޕްގެ އޭޝިއަން އެންޑް ޕެސިފިކް ޓްރެއިނިން ސެންޓރ ފޮރ އިންފޮމޭޝަން އެނޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ފޮރ ޑިވަލޮޕްމަންޓް (އޭޕީސީއައިސީޓީ) އާއި ގުޅިގެން "އެމްޕަވަރިން ވިމެން އެންޓަޕްރެނަރސް ތުރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން" ގެ ނަމުގައި މިއަދު ފެށުނު ތަމްރީން ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ، އަންހެނުންގެ ކުރިއެރުމަކީ ޢާއިލާތަކުގެ ކުރިއެރުން ކަމަށެވެ. އަދި ޢާއިލާތައް ކުރިއެރުމުން، މުޖުތަމަޢު ކުރިއަރައި، އިޤްތިޞާދު ވަރުގަދަވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ހިންގަވާ މި ސަރުކާރުގެ މަޝްރޫޢުތަކާއި މަސައްކަތްތަކުގައި އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އެހީތެރިވުމަށް މާލީ އެހީތެރިކަން ލިބޭނެ މަގުތައް އިތުރަށް ހަރުދަނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް މި ސަރުކާރުން ހޯދާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަންހެނުންނާއި އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުމަށް، އެސް.ޑީ.އެފް.ސީ އާ ގުޅިގެން "ފަށާ މަދަދު" ގެ ނަމުގައި އަންހެނުންނަށް ޚާއްސަކޮށްގެން ސްކީމެއް ތަޢާރަފުކޮށްފައިވާ ކަމަށެވެ. އަދި މި ލޯން ސްކީމްގެ 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ޚާއްޞަކުރެވިފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ 1 ފަރާތް ހިމެނޭގޮތަށް 60 ފަރާތަކަށް މި ލޯން ސްކީމް ހަމަޖައްސައިދިނުމަށް ހޮވިފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ މި މަސައްކަތުބައްދަލުވުމަކީ ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ މުހިންމު މައިލްސްޓޯނެއް ކަމަށާއި އަދި އަންހެނުންގެ އިގްތިސާދީ ބާރުވެރިކަން ކުރިއެރުވުމަށް އަމާޒުކޮށްގެން މިހާ ބޮޑު ސްކޭލެއްގައި ބާއްވާ ފުރަތަމަ ޕްރޮގްރާމުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.