ENGLISH

20 އޭޕްރީލު 2025

Advertisement

ޑރ. ފަޒީލް ނަޖީބުގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސަށް އަރުވައިފި

14 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބުގެ ސަފީރުކަމުގެ ފަތްކޮޅު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް އެރުވުން / ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހި ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޗައިނާގެ ރައީސް ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ އަށް އަރުވައިފި އެވެ. 

ފަތްކޮޅު އެރުވުން އޮތީ ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި އޮތް ޚާއްޞަ ރަސްމިއްޔާތެއް ގައެވެ. 

ފަތްކޮޅު އެރުވުމަށްފަހު ސަފީރު ފަޒީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ލޮބުވެތި ދިވެހި ރައްޔިތުންގެ ފަރާތުން ރައީސް ޝީ ޖިންޕިން އަށާއި ޗައިނާގެ ރަހުމަތްތެރި ރައްޔިތުންނަށް ހެޔޮ އެދުންތަކާއި ވެދުމާއި ސަލާން އަރިސްކުރައްވާފައެވެ.

ދިވެހިރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމާ ސަފީރު ޑރ. ފަޒީލް ނަޖީބު ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް ރައީސް ޝީ ޖިންޕިންގ ތަހުނިޔާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އާމިނަތު ފަރީޝާ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެ އާއި ޗައިނާ ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮކްޓޫބަރު 1972 ގައެވެ. ސަފީރު ފަޒީލް އަކީ ދިވެހިރާއްޖެ އިން ޗައިނާ އަށް ކަނޑައެޅުއްވި ފަސްވަނަ ސަފީރެވެ.

ކިޔުންތެރިންގެ ހިޔާލު