ENGLISH

10 އޭޕްރީލު 2025

Advertisement

ސަޢޫދީގެ ވޯލްޑް ކަޕް ބިޑަށް އިނގިރޭސި އެފްއޭ އިން ކުރި ތާއީދު ދިފާޢުކޮށްފި

14 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ސަޢޫދީގައި ވޯލްޑް ކަޕް ބޭއްވުމަށް ހޮވުނުކަން އިޢުލާންކުރުމަށް ބޭއްވި ފީފާގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ދެހާސް ތިރީސް ހަތަރު ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ސަޢޫދީ ޢަރަބިއްޔާ އިން ހުށަހެޅި ބިޑަށް އިނގިރޭސި އެފްއޭ އިން ކުރި ތާޢީދު ދިފާއުކޮށްފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން މިދިޔަ ބުދަ ދުވަހު ވަނީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމުގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާ ހޮވިފައިވާކަން ކަށަވަރުކޮށްދީފައެވެ.

ސަޢޫދީގެ ވޯލްޑް ކަޕް ބިޑަށް ތާޢީދުކުރުމާ ގުޅިގެން އިނގިރޭސި އެފްއޭގެ އިތުރުން އެހެން ބައެއް ގައުމުތަކަށާއި، ފީފާ އަށް ވެސް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ސަޢޫދީގެ ޕްރިންސް މުޙައްމަދު ބިން ސަލްމާން (ކ) އާއެކު ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ބައިވެރިވެ ވަޑައިގަންނަވަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ސަޢޫދީގެ ވޯލްޑް ކަޕް ބިޑަށް ކުރި ތާއީދާ ބެހޭގޮތުން އިނގިރޭސި އެފްއޭގެ ޗެއާ، ޑެބީ ހުވިޓް ވަނީ، ސައުދީ އަށް ތާއީދުކުރަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"އެއީ އުނދަގޫ ނިންމުމެއް ނޫން. އަހަރެން ދެކޭގޮތުގައި އެއީ ވަރަށް ފުރިހަމަ އަށް ދިޔަ ޕްރޮސެސްއެއް،" ޑެބީ ވިދާޅުވިއެވެ.

ޑެބީގެ ވިދާޅުވީ، ސަޢޫދީގެ ބިޑަށް ތާއީދުކުރަން ނިންމީ އެ ޤައުމުން އިންތިޒާމްކުރާ ވޯލްޑް ކަޕް މުބާރާތުގައި އިނގިރޭސި އެފްއޭ އިން އެދުނު ކަންތައްތައް ރަނގަޅުކޮށްދޭނެ ކަމަށް ވަޢުދުވެފައިވާތީ ކަމަށެވެ.

ޑެބީ އިތުރަށް ވިދާޅުވީ، ސަޢޫދީން އާއެކު ވަރަށް ގިނަ މަޝްވަރާތައް ބޭއްވި ކަމަށާއި، ޚާއްސަކޮށް އެމީހުން ވޯލްޑް ކަޕާމެދު އެޕްރޯޗް ކުރާ ގޮތް ދެނެގަތުމުގައި ގިނަ ވަގުތުތައް ހޭދަކޮށްފައިވާ ކަމަށެވެ.

ސަޢޫދީގައި ވޯލްޑް ކަޕް ބޭއްވުމަށް ޤައުމުތަކުގެ ވޯޓުން ނިންމި ނިންމުމަށްފަހު އެ ޤައުމުގެ ސްޕޯޓްސް މިނިސްޓަރާއި (ވ) ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: އީޕީއޭ

އަދި، ސަޢޫދީން ވެފައިވާ ވަޢުދުތައް މުބާރާތް ފެށުމާ ދެމެދު ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ފުއްދުމަށް އެ ޤައުމާއެކު ވަރަށް ކައިރިން މަސައްކަތްކުރާނެ ކަމަށް ވެސް ޑެބީ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ސަޢޫދީން ހުށަހެޅި ބިޑާ ގުޅޭގޮތުން މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި އިތުރު ތަފްޞީލީ މަޝްވަރާތައް އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، އެސްއޭއެފްއެފްއާ އެކު އިނގިރޭސި އެފްއޭ އިން ބާއްވާފައިވާ ކަމަށް ވެސް ޑެބީ ވިދާޅުވިއެވެ.

ދެހާސް ތިރީސް ހަތަރު ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މެދުއިރުމަތީގައި ބާއްވާ ދެވަނަ ވޯލްޑް ކަޕެވެ. މީގެކުރީން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާފައި ވަނީ ޤަޠަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު