ENGLISH

10 އޭޕްރީލު 2025

Advertisement

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ބައްރުގެ ގުރުއަތުލުން ބާއްވައިފި

14 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އިއްޔެ ބޭއްވި ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ބައްރުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ފީފާ.ކޮމް

ދެހާސް ސައްބީސް ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ބައްރުގެ ގުރުއަތުލުން އިއްޔެ ބާއްވައިފިއެވެ.

ޒިއުރިކްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޔޫރަޕްގެ 54 ގައުމު ވަނީ ކޮލިފައިންގެ 12 ގްރޫޕަކަށް ބަހާލައިފައެވެ.

ވޯލްޑް ކަޕް ޔޫރަޕުގެ ކޮލިފައިންގެ 12 ގްރޫޕުގެ ތެރެއިން 8 ގްރޫޕެއްގައި ހިމެނޭ ޕޮޓް 1 ގެ ޓީމުތައް ކަށަވަރުވެގެންދާނީ އަންނަ މާރޗް މަހު ކުޅޭ ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތަކަށްފަހު އެވެ.

އިއްޔެގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ކޮލިފައިންގައި ވާދަކުރާ ހުރިހާ ޓީމުތަކެއް ހިމެނޭ ގްރޫޕްތައް ކަށަވަރުވެފައި ނުވިނަމަވެސް، ފޯރިގަދަ ބައެއް މެޗުތައް ފެނިގެންދާނެ ކަމުގެ ފުރުޞަތު ބޮޑެވެ. އޭގެތެރޭގައި، އިންގްލެންޑާއި ސާބިއާ، ސްވިޒަލޭންޑާއި ސްވިޑެންގެ އިތުރުން ބެލްޖިއަމް އާއި ވޭލްސް ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޔޫރަޕް ބައްރުގެ ޓީމުތަކުގެ ގްރޫޕްތައް ބެހިފައިވާ ގޮތް. --ފޮޓޯ: ފީފާ.ކޮމް

ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 48 ޓީމުގެ މުބާރާތުގައި ޔޫރަޕުން ވާދަކުރާ ޓީމުތަކަށް ރެކޯޑް އަދަދެއް ކަމަށްވާ 16 ޖާގަ ލިބޭނެ އެވެ.

މި 16 ޖާގައިގެ ތެރެއިން ކޮލިފައިންގެ 12 ގްރޫޕުން އެންމެ ކުރިހޯދާ ޓީމުތަކަށް ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިގެންދާއިރު، ބާކީ ހަތަރު ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ދެވަނަ މަގާމް ހޯދާ ޓީމުތަކާއި، ނޭޝަންސް ލީގުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމުގެ މެދުގައި މުޅިއެކު 16 ޓީމު އެކުލެވޭ ގޮތަށް ކުޅުމަށް ހަމަޖެހިފައިވާ ޕްލޭ-އޮފް މެޗުތަކަށްފަހު އެވެ.

ޔޫރަޕް ބައްރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަށާނީ އަންނަ އަހަރުގެ މާރޗް މަހު އެވެ. އަދި، އެ މެޗުތައް ނިމޭނީ އަންނަ އަހަރުގެ ނޮވެމްބަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު