ENGLISH

28 މާރިޗު 2026

Advertisement

ހަނގުރާމައިގެ ތެރެއަށް ހޫޘީން ވަދެއްޖެނަމަ ސުއޭޒް ކެނަލް ބަންދުކޮށްފާނެކަމުގެ ބިރު

28 މާރިޗު 2026

|

އައިމިނަތު ޝަފާ

ސުއޭޒް ކެނަލް

އެމެރިކާ އާއި އިސްރާއީލު އިސްވެ އޮވެ އީރާނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އީރާނުން ދެމުންދާ ރައްދު ހަމަލާތަކާ ހޫޘީން ގުޅިއްޖެނަމަ، މިސްރުގެ ސުއޭޒް ކެނަލް ބަންދުވެ، ދުނިޔޭގެ ވިޔަފާރިއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދޯހާ އިންސްޓިޓިއުޓް ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ ޕްރޮފެސަރ މުޙައްމަދު އަލްމަޞްރީ ދެއްވައިފި އެވެ. 

ސުއޭޒް ކެނަލް އަކީ ޔޫރަޕާއި އޭޝިއާއާ ދެމެދު އެންމެ އަވަސް ދަތުރުތައް ކުރެވޭ ރޫޓެވެ. 

އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އަލްމަޞްރީ ވިދާޅުވީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ހޫޘީންނަކީ ސަރަހައްދީ ބޮޑު ބާރެއްކަން އެ ޖަމާއަތުން ސާބިތުކޮށްދީފައިވާ ކަމަށެވެ. ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކޮށްފިނަމަ، ރަތްކަނޑާއި ސުއޭޒް ކެނަލަށް ވަދެ ނިކުމެ އުޅޭ އުޅަނދުފަހަރަށް ހުރަސް އެޅި، ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު ދެ މަގު ކަމަށްވާ ހުރުމުޒް ކަނޑުއޮޅިއާއި ސުއޭޒް ކެނަލް އެއްފަހަރާ ބަންދުވެ، ދުނިޔޭގެ ވިޔަފާރިއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމަށް އަލްމަޞްރީ ވިދާޅުވި އެވެ. 

މީގެ އިތުރުން، ހޫޘީން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާކަން ހާމަކުރައްވަމުން އަލްމަޞްރީ ވިދާޅުވީ ލުބުނާނުގެ ހިޒްބުﷲ އާއި އީރާނުގެ މިސައިލް ހަމަލާތައް ފާއިތުވި ހަފުތާތަކުގައި އިސްރާއީލުގެ ދިފާއީ އައްޑަނަ ފޫއަޅުވާލާފައިވާއިރު ޔަމަނުން އަންނަ ހަމަލާތައް ދިފާއުކުރަން ޖެހުމަކީ އިސްރާއީލަށް އިތުރަށް ހަނގުރާމަ އުނދަގޫވެގެންދާނެ ކަމެއްކަމަށެވެ. 

މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ މަސްލަހަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، މިއީ ބައިނަލްއަގުވާމީ އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. 

ބޭނުން ޖެހިއްޖެ ހާލަތެއްގައި އީރާނަށް ވާގިވެރިވުމަށް ޔަމަނުގެ ހޫޘީން އަނެއްކާ ވެސް ރަތް ކަނޑަށް ހަމަލާ ދިނުމަށް ތައްޔާރަށް އޮތް ކަން އެ ޖަމާއަތުން ވަނީ ހާމަކޮށްފަ އެވެ. އިރާނާ ދެކޮޅަށް އިސްރާއީލް-އެމެރިކާ ކޯލިޝަނުން ފަށާފައިވާ ހަނގުރާމައިގެ ތެރެއަށް މިހާ ތަނަށް ހޫޘީން ވަދެފައި ނުވިނަމަވެސް އަސްކަރީ ގޮތުން އެ ޖަމާއަތް އޮތީ ތައްޔާރީ ހާލަތުގައި ކަމަށް ހޫޘީން ވަނީ ބުނެފަ އެވެ. 

ހޫޘީން މީގެ ކުރިން ދިޔައީ ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮތުމާ ދެކޮޅަށް ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާއި އެމެރިކާގެ މަސްލަހަތުއޮތް ބޯޓުފަހަރަށް ހަމަލާ ދެމުން ނެވެ. ހޫޘީން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަހަޙަމަލާތައް އަމާޒުކުރާނެ ކަމަށް ބެލެވެނީ ޔަމަނު ކައިރީގައި އޮންނަ ބާބުލް މަންދަބު ކަނޑުއޮޅިއަށެވެ. 

ހުރުމުޒު ކަނޑުއޮޅި ބަންދުވެފައި ވާއިރު ސުއޭޒް ކެނަލްއާ ދިމާލަށް ދަތުރުކުރާ އުޅަނދުފަހަރު ބޭނުންކުރާ ބާބުލް މަންދަބު ކަނޑުއޮޅިއަށް ދޭ ހަމަލާތަކުގެ ސަބަބުން އިތުރަށް ދުނިޔޭގެ އިގްތިސާދަށް ލޮޅުންތަށް އައުން ގާތެވެ. 

ކިޔުންތެރިންގެ ހިޔާލު