ENGLISH
28 މާރިޗު 2026
ސަރުކާރާ އެއް ވިސްނުމެއްގެ ކައުންސިލުތަކެއް އޮވެގެން ނޫނީ ތަރައްގީގެ އަމާޒުތައް ހާސިލުނުކުރެވޭނެ
28 މާރިޗު 2026
|
މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި ރައީސް ޑރ.މުހައްމަދު މުއިއްޒު
އެންމެ މަޤްބޫލު
ތަރައްގީވަމުން އަންނަ ގައުމުތަކާއި ތަރައްގީވަމުންދާ ގައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގޭ ލޯކަލް ގަވަމެންޓުތަކުގެ އެއް ސިފައަކީ ދައުލަތާ އިދިކޮޅުނުވެ، ސަރުކާރެއްގެ ބައެއްގެ ގޮތުގައި ދެކިގެން މަސއްކަތްކުރުމެވެ. މަރުކަޒީ ސަރުކާރާއި ލޯކަލް ކައުންސިލުތަކުން އިސްކަންދޭ ކަންކަމާއި، ރޭވުންތެރިކަމުގެ އޮނިގަނޑުތަކާއި، މާލީ އިސްތިރާޖިއްޔާތައް އެއްގޮތްކުރުމުން، ސަރަހައްދީ ބާރުވެރިކަން ގެއްލެނީއެއް ނޫނެވެ. ލާމެހިފައިވާ، ވެރިކަން ހިންގުމުގެ އެއް ގިންތިން އަނެއް ގިންތި ބާރުވެރިކޮށް، ސަރުކާރުން ކަނޑައަޅާފައިވާ ގައުމީ އަމާޒުތައް ސަރަހައްދީ ފެންވަރުގައި ހާސިލުވާނެ ވެރިކަން ހިންގުމުގެ އިންތިޒާމެއް ވުޖޫދުވަނީއެވެ.
ސިޔާސީ އިލްމުވެރިން މިފަދަ ހާލަތުގައި ބޭނުންކުރައްވާ އިބާރާތަކީ "އެލައިންމެންޓް"އެވެ. އެއީ ކައުންސިލުތަކުގެ މުސްތަގިއްލުކަމާއި، މިނިވަންކަން ދޫކޮށްލުމެއް ނޫނެވެ. ކައުންސިލުތައް ސަރުކާރާ އެއްކީލަވުމަކީ ނުވަތަ އެއް ވިސްނުމަކުން މަސައްކަތްކުރުމަކީ ރަށު ފެންވަރުގެ މަސްލަހަތުތައް އެއްފަރާތްކޮށްލުމެއްވެސް ނޫނެވެ. އެއީ ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަރުދަނާކޮށް، ތަރައްގީގެ ކަންކަން ރޭވުމުގެ ވަސީލަތްތައް ގަބޫލުކުރެވޭ ހިއްސާވަނިވި އުސޫލުތަކެއްގެ މަތީގައި އެކަށައަޅައި، ސަރުކާރު ހިންގުމުގެ ދެ ގިންތި ވަކިން މަސައްކަތްކޮށްގެން ހާސިލުނުކުރެވޭނެ ނަތީޖާތައް ދެ ގިންތި ގުޅިގެން ހާސިލުކުރުމެވެ.
ލާމަރުކަޒުވެފައި އޮންނަ ވެރިކަމުގެ ނިޒާމުތަކުގައި ސަރުކާރު ހިންގުމުގައި ލޯކަލް ކައުންސިލުތަކާއި މަރުކަޒީ ސަރުކާރުގެ ގުޅުން ދެ މޮޑެލްއަކަށް ބައްޓަންކުރެވިގެންދާކަމަށް ސިޔާސީ އިލްމުވެރިން ވިދާޅުވެއެވެ. ފުރަތަމަ މޮޑެލްއަކީ "ކޮމްޕެޓިޓިވް މޮޑެލް" ނުވަތަ ވެރިކަން ހިންގުމުގެ ދެ ފަށަަލައިގެ މެދުގައި ވާދަވެރިކަން އުފެދި، އިހުތިސާސުތައް ހިމާޔަތްކުރަން އިސްކަންދީ، ހިދުމަތްތައް ޑުޕްލިކޭޓުވުމަށް މަގުފަހިވެ، ދެ ފަށަލައިގެ މެދުގައި ފުށުއެރުންތައް ގިނަވުމަށް މެދުވެރިވާ މޮޑެލްއެވެ.
ދެވަނަ މޮޑެލްއަކީ ކޯޕަރޭޓިވް މޮޑެލްއެވެ. އެއީ ދެ ފަށަލައިގެ މެދުގައި އެއްބާރުލުންދިނުމުގެ ގުޅުމެއް އުފެދި، އެއް ފަށަލައިން ފޯރުކޮށްދޭ ހިދުމަތްތަކާއި ތަންފީޒުކުރާ ސިޔާސަތުތަކުގައި އަނެއް ފަށަަލައިގެ ބައިވެރިވުމަށް ޖާގަދީގެން، ދެ ފަށަލައިގެ މެދުގައި އެއްބާރުލުން ބާއްވައިގެން ކުރިއަށްދިއުމެވެ.
މިކަމުގައި ކުރެވިފައި ހުރި ދިރާސާތަކުގެ ނަތީޖާގައި ޝައްކަކަށް ވަހުމަކަށް ޖާގައެއް ނެތެވެ. ކޯޕަރޭޓިވް މޮޑެލް ނުވަތަ ސަރުކާރު ހިންގުމުގެ ދެ ފަށަލަ ގުޅިގެން މަސައްކަތްކުރާ މޮޑެލްއިން ރައްޔިތުންނަށް ހިދުމަތް ދީ ނަތީޖާ ނެރެވޭ މިންވަރު އިތުރުވެއެވެ. ވެރިކަމުގެ ދެ ފަށަލަ ކަމުގައިވާ މަރުކަޒީ ސަރުކާރާއި ލޯކަލް ކައުންސިލުތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުން ބޭނުންވާ ގޮތަށް ހިދުމަތްތައް ބައްޓަންވުމަށް ޖާގަ ލިބެއެވެ.
ރާއްޖެއަށް ބަލާއިރު ވާދަވެރި ސިޔާސީ ޕާޓީތަކަަށް ކައުންސިލުތައް ލިބުމުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި އުފަންކުރަނީ "ކޮމްޕެޓިޓިވް މޮޑެލް"އެކެވެ. ސަރުކާރާ ވާދަވެރި ކައުންސިލެއް އޮވެ، ކައުންސިލަށް ގާނޫނުން ދޭ ބާރުތަކާއި މަތިކުރާ ޒިންމާތައް ބޭނުންކުރަނީ ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށެވެ. ގިނަ ފަހަރަށް ސަރުކާރާ މަޝްވަރާކޮށް ހިދުމަތް ދިނުމުގައި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމުގެ ރޫހެއް އަދި ވިސްނުމެއްވެސް އެފަދަ ކައުންސިލުތަކުން ނުފެނެއެވެ.
ކައުންސިލުތަކާއި ސަރުކާރުގެ ވިސްނުން އެއްގޮތްވުމުގައި އޮންނަ ބޮޑު ފައިދާއަކީ ސިޔާސީ އިލްމުގެ ބަހުރުވައިންނަމަ "ކޮހެރެންޓް ގަވަނެންސް" ނުވަތަ ސަރުކާރު ހިންގުމުގެ ހުރިހާ މަރުހަލާއެއްގައި އެއް އަމާޒަކަށް މަސައްކަތްކުރާ، ސަރުކާރުގެ ހުރިހާ އިދާރާއެއް އަދި މުއައްސަސާއެއްގެ މިސްރާބު އެއްގޮތަށް ހުރުމެވެ. މިފަދަ ހިންގުމެއް ނެތިވެއްޖެނަމަ، ސަރުކާރު ހިންގުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެ، ވެރިކަމުގެ އިންތިޒާމުތަކުގެ ތަރުތީބުތައް ގެއްލި، އެކި އަމާޒުތަކަށް އެކި އިދާރާތައް ހިންގާން ފަށައެވެ.
މިސާލަކަށް އާބާދީ އިތުރުވަމުންދާ އާބަން މަރުކަޒެއްގައި އައު ޕްރީ ސްކޫލެއް އެޅުމުގެ މަޝްރޫއެއް ހިޔާލަށް ގެންނަވާށެވެ. ސަރުކާރުން މަޝްރޫއު ފަރުމާކޮށް ކުރިއަށްގެންދާއިރު، ކައުންސިލަކީ އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިދޭން އޮންނަ އިދާރާއެވެ. އެއް ވިސްނުމެއް ނުގެންގުޅުމުގެ ސަބަބުން، އަދި ސިޔާސީ ހިޔާލު ތަފާތުވުމުގެ ސަބަބުން ސަރުކާރާ މުއާމަލާތްނުކުރާ ކައުންސިލެއް އޮވެއްޖެނަމަ، ސަރުކާރުން ބޭނުންވާ މިންގަނޑުތަކަަށް ފެތޭ ބިމެއްގެ ބަދަލުގައި އެ މިންގަނޑުތަކަށް ނުފެތޭ ބިމެއް ހަމަޖައްސައިދީފާނެއެވެ. ފަހަރުގައި މުވާސަލާތުކުރުމުގައި ދިމާވާ މައްސަލައަކުންނެވެ. އެންމެ ގާތް ގޮތީ ސިޔާސީ ވިސްނުމުގައި ހުރި ތަފާތުތަކާހުރެ ސަރުކާރުގެ ޑެލިވަރީއަށް ކުޑަނަމަވެސް ހުރަހެއް ކުރިމަތިކުރުވުމަށެވެ.
މިއީ ލެޓިން އެމެރިކާގެ ގައުމުތަކާއި ދެކުނު އޭޝިޔާއާއި އަދި އެފުރިކާގެ ބައެއް ގައުމުތަކުގައި ހެދިފައި ހުރި ދިރާސާތަކުން ސާބިތުވާ ހާލަތެކެވެ. އެއީ ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމު އުފަންވީއްސުރެ އަޅުގަނޑުމެން ކުރަމުން އަންނަ ތަޖުރިބާއެކެވެ.
އެއް ވިސްނުމެއްގައި ކައުންސިލާއި ސަރުކާރު އޮތުމުން ވެރިކަން ހިންގުމުގެ ބާރުގެ ދެ ފަށަލައިން އަޅާ ކޮންމެ ފިޔަވަޅަކީ ގައުމީ ފެންވަރުގައި އެކަށައަޅާފައިވާ ބޭނުންތައް ވަޒަންކުރުމުގެ މިންގަަނޑުތަކާ އެއްގޮތަށް އެޅޭ ފިޔަަވަޅަކަށްވެއެވެ. ދެ ފަށަލައިގެ އަމާޒުތައް އެއްގޮތްވެފައި، ސިޔާސީ ގޮތުން ހާސިލުކުރަން ބޭނުންވާ ނަތީޖާވެސް އެއްގޮތްވެއެވެ. ދެ ފަށަލައިންވެސް ބޭނުންވަނީ ހިދުމަތް ފޯރުކޮށްދިނުމެވެ. އަވަހަށް ރައްޔިތުންނަށް ސިޔާސަތުތަކުގެ ލާބައާއި މަންފާ ލިބިދިނުމެވެ. ސަބަބަކީ ދެ ފަށަލައިގެ ސިޔާސީ ކާމިޔާބުވެސް ގުޅިފައި އޮންނާނީ އެކަމާއެވެ.
ޑުޕްލިކޭޓުވުން މަދުކޮށް، އިދާރީ އިސްރާފު ކުޑަކުރުން
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މަރުކަޒީ ސަރުކާރާއި ލާމަރުކަޒީ ފަށަލައިގެ މެދުގައި އެއް ހިދުމަތެއް ނުވަތަ އެއް މަސައްކަތެއް ދެފަހަރަށް ކުރެވުމާއި، އިދާރީ ކަންކަމުގައި ކުރަންނުޖެހޭ ހަރަދުތައް އެތައް ފަހަރަކު ކުރަންޖެހުމުގެ ސަބަބުން ތަރައްގީވަމުން އަންނަ އިގުތިސާދުތަކުގެ ގައުމީ އުފެއްދުންތެރިކަމުގެ 2 އިންސައްތައާއި ހަތަރު އިންސައްތައާ ދެމެދުގެ މިންވަރެއް އިސްރާފުވެގެންދެއެވެ.
ސަރުކާރާއި ކައުންސިލުތައް އެއްކީލިވުމުގެ ސަބަބުން މިގޮތަށް ވެރިކަން ހިންގުމުގެ ދެ ފަށަލައިގެ ތެރޭގައި އެއް ކަމެއް ތަކުރާރުނުވެ، އެއް ފަށަލަައިން ހިންގާ ކަންކަމުގައި އަނެއް ފަށަލައަށް އޮންނާނެ ދައުރު ސާފުވެ، އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެއެވެ.
ވަރަށް މަދު ގައުމެއްގައި ނޫނީ މުހިއްމު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ބޭނުންވާ މާލީ ތަނަވަސްކަން ލޯކަލް ކައުންސިލުތަކުގައި ނުހުރެއެވެ. ގިނަ ގައުމުތަކުގައި ކައުންސިލުތަކުގެ ބަޖެޓުގެ 70 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރެއް ބަރޯސާވަނީ ސަރުކާރުން ދޭ މާލީ އެހީއަށެވެ. ގްރާންޓާއި ޓްރާންސްފާއާއި ޓެކުހުން ދޭ ހިއްސާއަށެވެ. މާލީ ގޮތުން ސަރުކާރަށް ކައުންސިލުތައް ބަރޯސާވުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް އެކަމުގެ ނަތީޖާއަކީ ސަރުކާރާއި ކައުންސިލުތަކުގެ މާލީ ވިސްނުން އެއްގޮތްވުން ލާޒިމުވުމެވެ.
ލޯކަލް ކައުންސިލުތަކުން ތަރައްގީގައި އިސްކަންދޭ ކަންކަން މަރުކަޒީ ސަރުކާރުގެ އިސްކަންދޭ ތަރުތީބާ އެއްގޮތްވުމުގެ ނަތީޖާއަކީ ކައުންސިލުތަކަށް ތަރައްގީގެ މަސައްކަތްތައް ހިންގުމުގައި ސަރުކާރުގެ މާލީ ވަސީލަތްތަކަށް ވާސިލުވުމަށް މަގުފަހިވެ، ގައުމީ އަދި ބައިނަލްއަގުވާމީ ފަންޑުތައް ހޯދުމަށް ފަސޭހަވުމެވެެ. އެއިރުން ބައިނަލްއަގުވާމީ މާލީ އިދާރާއަކުން ހިންގާ މަޝްރޫއެއް ތަންފީޒުކުރުމުގައި މަރުކަޒީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާއަކާއެކު ބައިވެރިވާ ތަންފީޒީ އިދާރާއެއްގެ ގޮތުގައި ކައުންސިލު ޝާމިލުކުރުމުގެ ފުރުސަތު ބޮޑުވެއެވެ.
ސަރުކާރާ އެއް ވިސްނުމެއް ނުގެންގުޅޭ ކައުންސިލުތަކަށް ގްރާންޓުގެ ގޮތުގައި ސަރުކާރުން ދޭންޖެހޭ ފައިސާ ލިބުނު ނަމަވެސް ތަރައްގީގެ މަޝްރޫއުތައް އެކުލަވައިލުމުގައި އަދި ތަންފީޒުކުރުމުގައި މާލީ ގޮތުން ސަރުކާރާއެކު ބައިވެރިވުމަށް އޮންނަ ޖާގަ ކުޑަވެއެވެ. ހާއްސަކޮށް ލޯކަލް ފެންވަރުގައި ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ ކަންކަން ހިންގުމުގައި ކައުންސިލުތަކުގެ ބައިވެރިވުން ނޯންނަނަމަ ނުވަތަ، އެކަންކަމުގައި ކައުންސިލުތައް ސަރުކާރަށް ހުރަހަކަށްވާނަމަ، ކުރިން އިޝާރާތްކުރި ފަދަ މާލީ ފުރުސަތުތައް ކައުންސިލުތަކަށް ހޯދުމުގައި ސަރުކާރާ ކައުންސިލަށް އެކުއެކީ މަސައްކަތްކުރެވޭނެ ޖާގައެއް ނޯވެއެވެ.
ވެރިކަމުގެ އަސާސީ މަގުސަދަކީ ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމާއި ހެޔޮ ބަދަލެއް ގެނައުމެވެ. ދިރާސާތަކުން ފެންނަ ގޮތުގައި ސަރުކާރާއި ކައުންސިލުތައް އެއް ވިސްނުމެއްގައި މަސައްކަތްކުރުމަކީ ތަރަައްގީގެ ނަތީޖާތައް ނެރެ، ކޮމިއުނިޓީ ފެންވަރުގައި ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވުމަށް މަގުފަހިވާ ކަމެކެވެ.
ރުވަންޑާގައި އޮންނަ ނިޒާމަކީ އިމިގިގޯ ޕާފޯމެންސް ކޮންޓްރެކްޓިން ސިސްޓަމެކެވެ. އެިޒާމުގައި ޑިސްޓްރިކްޓުތަކުގެ މޭޔަރުންނާއި ގައުމުގެ ރައީސްގެ މެދުގައި އަހަރެއްގެ ތެރޭގައި ހާސިލުކުރަންޖެހޭ ކަންކަމާމެދު ރަސްމީކޮށް އެއްބަސްވުންތަކެއް ހެދެއެވެ. އަދި އެ އެއްބަސްވުންތަކުގައި މިންކުރެވޭ ތަރައްގީގެ އަމާޒުތަކެއް ކަނޑައަޅައި، އެ އަމާޒުތަކާއި ސަރުކާރުން ދޭ މާލީ އެހީ ގުޅުވައިލެވެއެވެ.
ރުވަންޑާއިން ފާއިތުވި އަހަރުތަކުގައި ހާސިލުކުރި ބޮޑު ކުރިއެރުމުގައި މި ނިޒާމުގެ ދައުރު މުހިއްމެވެ. އެ ގައުމުންވަނީ 2000 ގައި 78 އިންސައްތައިން މަތީގައި އޮތް ފަގީރުކަން 2022 ވަނަ އަހަރާ ހަމައަށް އައިއިރު 38 އިންސައްތައަށް ތިރިކޮށްފަައެވެ. މި ނިޒާމުގައި މަރުކަޒީ ސަރުކާރުގެ ތަރައްގީގެ އަމާޒުތަަކާއި ވިސްނުންތަކާ މުޅިން ތަފާތު އެހެން ތަރައްގީގެ އަމާޒުތަކަކަށް ޑިސްޓްރިކްޓު ކައުންސިލުތަކުން މަސައްކަތްނުކުރެއެވެ. އެ ކައުންސިލުތައްވަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލޯކަލް ލެވެލްގައި ހަރަކާތްތެރިވާ މަރުކަޒީ ސަރުކާރުގެ އަތްތަކަކަށެވެ.
މިގޮތަށްް ތަރައްގީގެ ވިސްނުން އެއްގޮތް ނުކުރެވުމުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އާބަން މަރުކަޒުތަކަށެވެ. އޭޝިޔއާއާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކާއި، އެފުރިކާއިން ފެންނަން އޮތް ހަގީގަތަކީ ސަރުކާރާއި ކައުންސިލުތަކުގެ މެދުގައި ފުށުއެރުންތައް އޮންނަ ހާލަތުގައި އާބަން މަރުކަޒުތައް ބައްޓަންކުރުމުގައި ތަފާތު ދެ މިސްރާބަކަށް ދަތުރުކޮށް، އެ މަރުކަޒުތަކުގެ މުޅި ޕްލޭނު ވިއްސިވިހާލިވެ، ހޮއިވެގެންދެއެވެ.
އާބަން މަރުކަޒުތަކުގެ ބިން ބޭނުންކުރުމާ ގުޅޭ ޕްލޭނާއި ތަރައްގީގެ ޕްލޭނަކީ ސަރުކާރުގެ ވިސްނުންތަކާ އެއްގޮތަށް ރައްޔިތުންގެ ބައިވެރިވުން އޮވެގެން އެކުލަވައިލެވެންޖެހޭ ޕްލޭނުތަކެއް ކަމުގައި އިލްމުވެރިން ފާހަގަކުރައްވައެވެ. ސަރުކާރުގެ ބައިވެރިވުން ޕްލޭނުތަކުގައި ނެތިއްޖެނަމަ، ގެދޮރުވެރިކަމާއި އާބާދީ އެއްފަސްކުރުމާއި އާބަން މަރުކަޒުތައް ފުޅާކުރުން ފަދަ ކަންކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމާ ފުށުއަރާ ގޮތަށް ކައުންސިލުތަކުން އަމަލުކޮށް، ސަރުކާރުތަކުން އެދޭ ގޮތަށް އާބަން މަރުކަޒުތައް ބައްޓަންނުކުރެވި ގައުމީ ފެންވަރުގައި ހާސިލުކުރަން ބޭނުންވާ ތަރައްގީގެ މުހިއްމު ބައެއް ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރަސްއެޅެއެވެ. މިސާލަކަށް ކުދި އާބާދީތަކުން މިފަދަ ބޮޑެތި އާބަން މަރުކަޒުތަކަށް ހިޖުރަކޮށް، އެތަންތަނުގައި އިކޮނޮމިކްސް އޮފް ސްކޭލް ހޯދުމަށް ބިން އެންމެ ގިނަ ބަޔަކަށް ބޮޑު މަންފާވާނެ ގޮތަށް ބޭނުންކުރަން ސަރުކާރުން ރާވާފައިވަނިކޮށް ކައުންސިލަކުން ރަށުގެ މީހުންނަށް އެކަނި ގޯތި ދޫކުރަން ނިންމައިފިނަމަ، އެ މަރުކަޒުގެ ވަށައިގެން އެކުލަވައިލާފައި އޮންނަ އެ ސަރަހައްދުގެ ތަރައްގީގެ ޕްލޭން އެއްކޮށް ވިއްސިވިހާލިވީއެވެ.
ރާއްޖޭގެ ނިޒާމުގައި ރުވަންޑާގައި އޮންނަ ފަދަ ކޮންޓްރެކްޓުތަކެއް ގާއިމުކުރާ އުސޫލެއް ނެތެވެ. ކައުންސިލުތަކަށް އިންތިހާބުވަނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންނެވެ. އެ މެންބަރުންގެ ސުލޫކު ބައްޓަންވަނީ އެ ކައުންސިލަރުން ނިސްބަތްވާ ޕާޓީތަކަށް މަންފާވާނެ ގޮތުގެ މައްޗަށެވެ. ކައުންސިލުތައް ވެފައި އޮންނަނީ ވެރިކަމަށް އައުމަށް ޕާޓީތަކުން ބޭނުންކުރާ "ލޯންޗިން ޕެޑް'އަކަަށެވެ.
މާނައަކީ ކައުންސިލުތަކުގައި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ތިބޭނަމަ އެމީހުންގެ މައިގަނޑު ބޭނުމަކަށްވާނީ ސަރުކާރަށް ތާއީދު އިތުރުވާނެ ގޮތަށް ކައުންސިލު ހިންގުމެވެ. އަވަހަށް ސަރުކާރުގެ މަޝްރޫއުތަކަށް މަގުފަހިކޮށްދީ، ރަށު ލެވެލްގައި ހައްލު ހޯދަންޖެހިފައި ހުރި ކަންކަމަށް ސަރުކާރުގެ ތެރެއިން އަވަސް ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރާނެއެވެ. އެއީ މަޝްރޫއުތައް ލަސްްވެ، ހައްލު ހޯދަންޖެހޭ ކަންކަން ހައްލުނުވުމުގެ ހުރިހާ ގެއްލުމެއް ލިބޭނީ އެ މެންބަރުން ނިސްބަތްވާ ޕާޓީގެ ސަރުކާރަށް ކަމުގައިވާތީއެވެ.
އެއާ ހިލާފަށް އިދިކޮޅު ޕާޓީއެއްގެ އަޣުލަބިއްޔަތު ކައުންސިލަކަށް އޮވެއްޖެނަމަ، އެ ޕާޓީއަކަށް ފައިދާވާނެ ގޮތަކީ ރަށުގައި ހިންގަން ސަރުކާރުން ވައުދުވީ ކަންކަން ތަންފީޒުނުވާކަމަށް ދެއްކުމެވެެ. އެކަންކަން ކުރިއަށްނުގެންދެވި ލަސްވުމެވެ. ހައްލު ބޭނުންވެފައި ހުރި ކަންކަން ހައްލުކުރުމުގައި ސަރުކާރު ފެއިލްެެފައިވާކަން ރައްޔިޔުންނަށް ގަބޫލުކުރެވުމެވެ. އެހެންކަމުން އެ ހާލަތުގައި ކައުންސިލުތަކަށް ހުރިހާ ބާރެއް ބޭނުންކުރާނީ އެ އަމާޒަށް މަސައްކަތްކުރުމަށެވެ.
މިއީ ތަބީއީ ކަމެކެވެ. ކޮންމެ ބަޔަކުވެސް މަސައްކަތްކުރާނީ އެ ބަޔަކަށް މި ނިޒާމުގައި އެންމެ ބޮޑު ކުރިއެރުން ހާސިލުވާނެ ގޮތަށެވެ. އެހެންކަމުން މި ނިޒާމުގައި ސަރުކާރާ އެއްވިސްނުމުގައި ކައުންސިލުތައް ހިންގެން އޮތް ހަމައެކަނި ގޮތަކީ ސަރުކާރު ހިންގާ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ، އިދާރީ ހިންގުމުގެ ބާރު ނުވަތަ ސިޓީތަކުގެ މޭޔަރުންނާއި ރަށު ކައުންސިލުތަކުގެ ރައީސުންވެސް އެ ޕާޓީއަށް ނިސްބަތްވެވަވަޑައިގަންނަވާ ބޭފުޅުންނަށް ވުމެވެ. އެނޫންނަމަ، އިދާރީ ހުރަސްތަކާއި ދެ ފަށަލައިގެ ވާދަވެރިކަމުގައި ތާށިވެ ބިކަވާނީ ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނެވެ.