ENGLISH

27 މާރިޗު 2026

Advertisement

ހަނގުރާމައިން ބަލިވެއްޖެނަމަ ޒިންމާ ނަގަންޖެހޭނީ ނަތަންޔާހޫ: މޮސާޑް

27 މާރިޗު 2026

|

އައިމިނަތު ޝަފާ

ނަތަންޔާހޫއާއި މޮސާޑުގެ އިސް ވެރިޔާ.

އީރާނާ ދެކޮޅަށް ޔަހޫދީން އިސްވެ ފަށާފައިވާ ހަނގުރާމައިގައި ޔަހޫދީން ބަލިވެއްޖެ ނަމަ އެކަމުގެ ފުރިހަމަ ޒިންމާ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނަގަންޖެހޭނެކަމަށް ޔަހޫދީންގެ ޖާސޫސީ އިދާރާ- މޮސާޑުން ބުނެފި އެވެ. 

ހަނގުރާމައިގައި ހީނުކުރާވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލަމުންދާ ޔަހޫދީ- އެމެރިކާ ކޯލިޝަނުން ވަނީ ހަނގުރާމައިގެ ކުރިން އީރާނުގެ އަސްކަރީ ގާބިލުކަމާއި، އެ ގައުމުގެ ސިޔާސީ އަދި އިޖުތިމާއީ ހާލަތާ ގުޅޭގޮތުން މޮސާޑުން ޔަހޫދީ ސަރުކާރަށް ދޮގު މައުލޫމާތުދީފައިވާކަމަށް ނަތަންޔާހޫ ވަނީ ބުނެފަ އެވެ. 

އެއާއެކު ނަތަންޔާހޫ އާއި މޮސާޑުގެ ވެރިޔާ ޑޭވިޑް ބަރްނިއާ އާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް އިންތިހާއަށް ބޮޑުވެ، ފާއިތުވި ހަފުތާއެއްހާ ދުވަހު ދެ މީހުން އެކުގައި އެއްވެސް އެއްބަސްވުމެއްވެސް ބާއްވާފައިނުވާކަމަށް ޔަހޫދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ނަތަންޔާހޫ ބުނާގޮތުގައި ނަތީޖާ ނޭނގޭ ނުރައްކާތެރި ހަނގުރާމައެއްގެ ތެރެއަށް ޔަހޫދީން ވަނީ މޮސާޑުން ފޯރުކޮށްދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އަދި މި ހަނގުރާމައިން ޔަހޫދީން ބަލިވުމަކީ އިސްރާއީލުގެ ދެމިއޮތުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ނަތަންޔާހޫ ބުނެއެވެ.

ރައްދުގައި މޮސާޑުން ބުނަމުންދަނީ އެ އިދާރާއިން ފޯރުކޮށްދިނީ ސައްހަ މައުލޫމާތު ކަމަށެވެ. ނަމަވެސް، ނަތަންޔާހޫގެ އަމިއްލަ އެދުމާއި، ކަންކަން އޮޅުވާލައިގެން ކުރިއަށްދާން ބޭނުންވާ ސިޔާސަތުގެ ސަބަބުން ހަނގުރާމަ ފެށީ ކަމަށާއި، މި ހަނގުރާމައިގައި ނާކާމިޔާބީއެއް ލިބިއްޖެ ނަމަ އޭގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ސީދާ ނަތަންޔާހޫ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މި ދެބަސްވުންތަކުގެ ތެރެއިން، ނަތަންޔާހޫގެ އޮފީހާއި މޮސާޑުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް އީރާނުގެ ޖާސޫސުންގެ އެހީތެރިކަން ހޯދާކަމުގެ ތުހުމަތު ކުރަމުން ނެވެ. އަދި އިސްރާއީލުގެ ސަލާމަތީ މަރުކަޒުތަކުގެ ސިއްރު މައުލޫމާތުތައް ލީކުވަމުންދާ ކަމަށް ބުނެ ދެ ފަރާތުން ދަނީ އިނގިލި ދިއްކުރަމުން ނެވެ.

މީގެ ކުރިން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދޯހާއަށް އިސްރާއީލުން ދިން ހަމަލާގެ ސިއްރުތައް، ހަމަލާ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ބޭރުވެފައިވާތީ، އެކަމުގެ އިލްޒާމުވެސް ދެ ފަރާތުން ދަނީ އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އަޅުވަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު