ENGLISH

27 މާރިޗު 2026

Advertisement

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ނޭޕާލްއާ އެއްވަރުވެ، ރާއްޖެ ކަޓައިފި

27 މާރިޗު 2026

|

މުޙައްމަދު އަދުހަމް

ރާއްޖެއާ ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ސާފް

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ނޭޕާލްއާ 1-1 އިން އެއްވަރުވެ، ދިވެހިރާއްޖެ މުބާރާތުން ކަޓައިފިއެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭ ގެ އެއްވަނައިގައި ނޭޕާލް އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސްރީ ލަންކާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ރާއްޖެ ތިންވަނައިގައި އޮތީ ދެ ޕޮއިންޓާއެކު އެވެ. ފުލުގައި އޮތް ބޫޓާނަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މި ގްރޫޕުގައި ހިމެނޭ ނޭޕާލުން ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އަނެއް ޖާގަ ކަށަވަރުވެގެންދާނީ ގްރޫޕު އޭ ގެ ފަހު މެޗުގައި މިރޭ ލަންކާއާ ބޫޓާން ބައްދަލުކުރާ މެޗަށް ފަހު އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކުރީން ލީޑުނެގީ ރާއްޖޭންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ރާއްޖެ އަށް މި ލަނޑުޖަހައިދިނީ ކެޕްޓަން، މުޙައްމަދު އިލާން އިމްރާން އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. ރާއްޖޭން މުބާރާތުގައި ޖެހި ހުރިހާ ގޯލެއް ކާމިޔާބުކުރީ ވެސް އިލާން އެވެ.

ރާއްޖެއާ ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ސާފް

ދެވަނަ ހާފުގައި ރާއްޖޭން ލީޑުފުޅާކުރަން ކުރި މަސައްކަތުގެ ތެރެއިން އަހުމަދު އަފްނާން ފޮނުވާލި ބޯޅައެއް ނޭޕާލްގެ ކުޅުންތެރިން ވަނީ ގޯލުގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ. އޭގެފަހުން، ޕެނަލްޓީއޭރިޔާ ތެރެއިން އިލާން ބޮލުން ފޮނުވާލި ބޯޅައެއް ނޭޕަލްގެ ކީޕަރު، ބަކްތާ ބަހާދުރު މަތަކުރިއެވެ.

ނޭޕާލުން އެއްވަރުކުރި ލަނޑު، 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަރިމަތިން ފޮނުވާލި ހިލޭޖެހުމެއްގެ އެހީގައި ނިޝާން ރާޖް ލާވަތު އެވެ. އޭނާ މި ލަނޑުޖެހީ ބޮލުންނެވެ. 

މެޗުގެ އިތުރުވަގުތުގެ ތެރޭގައި ރާއްޖެ މޮޅުކޮށްދޭން އިލާން އަށް ލިބުނު ފުރުޞަތުގެ ބޭނުމެއްނުހިފުނެވެ. އަރިމަތިން ރާއްޖޭގެ ކުޅުންތެރިއަކު ނަގައިދިން ހުރަހަކުން އޭރިޔާތެރެއިން އިލާން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު