ENGLISH
26 މާރިޗު 2026
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ދެ މެޗުން ބަލިވެ، ޕާކިސްތާން ކެޓިއިރު އިންޑިއާއާއި ބަންގްލަދޭޝް ސެމީ އަށް
26 މާރިޗު 2026
|
ޕާކިސްތާން ކޮޅަށް ލަނޑުޖެހުމަށްފަހު އިންޑިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ސާފް
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި އިންޑިއާ އަތުން 3-0 އިން ބަލިވެ، ޕާކިސްތާނުން މުބާރާތުން ކަޓައިފިއެވެ.
މިއީ މުބާރާތުގައި ޕާކިސްތާން ކުޅުނު ދެވަނަ މެޗެވެ. މި ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. މިއާއެކު، ގްރޫޕް ބީ ގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، އިންޑިއާއާއި ބަންގްލަދޭޝް ވަނީ ބާކީ އެއް މެޗު އޮއްވާ، ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީ ގެ އެއްވަނައިގައި އިންޑިއާ އުޅެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އިންޑިއާގެ އިތުރުން ބަންގްލަދޭޝް އަށް ވެސް މިހާތަނަށް ކުޅުނު މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ފުލުގައި އޮތް ޕާކިސްތާން މުބާރާތުން ކެޓީ ޕޮއިންޓެއްނުލިބިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި އިންޑިއާ އިން ލީޑުނެގީ ވިޝާލް ޔާދަވް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އިންޑިއާ އާ ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ސާފް
އިންޑިއާ އިން މެޗުގައި ޖެހި ދެވަނަ ލަނޑު، 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮމަންގް ޑޯޑުމް އެވެ. މިއީ ކައުންޓަ އެޓޭކެއްގައި ތަނަވަސްކުރި ފުރުޞަތަކުން އިންޑިއާ އިން ޖެހި ލަނޑެކެވެ.
މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް، ލިބުނު ޕެނަލްޓީއަކުން އިންޑިއާގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް އޮމަންގް އެވެ. މިއީ ފަހު ހާފުގައި ކުޅެން ނިކުތް އިންޑިއާގެ ޕްރަޝާން ޖާޖޯ އަށް ޕެނަލްޓީއޭރިޔާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން އޮމަންގް ކާމިޔާބުކުރި ގޯލެކެވެ.
މި ގްރޫޕުގައި ދެން ކުޅޭ މެޗުގައި މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ މެންދުރު ފަހު އިންޑިއާ ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ.
މި މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، ގްރޫޕް އޭ ގައި ހިމެނޭ ދިވެހިރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗު ފަށާނީ މެންދުރު ފަހު 3:45 ގައެވެ. އެ ގްރޫޕުގެ ފަހު މެޗުގައި މާދަމާ ރޭ 8:30 ގައި ބޫޓާން ނިކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.