ENGLISH
18 އޭޕްރީލު 2026
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ދެވަނަ މެޗުގައި ރާއްޖޭން ބޫޓާނާ އެއްވަރުވެއްޖެ
26 މާރިޗު 2026
|
ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ސާފް
އެންމެ މަޤްބޫލު
ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި ބޫޓާނާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެއެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭ ގެ އެއްވަނަ މަގާމުގައި މިވަގުތު އޮތް ނޭޕާލަށް ވަނީ، ބާކީ އެއް މެޗު އޮއްވާ، ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. ނޭޕާލަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އުޅޭ ސްރީ ލަންކާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތިންވަނައިގައި އޮތް ރާއްޖެއާއި ފުލުގައި އޮތް ބޫޓާނަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ބޫޓާނާ ދެކޮޅަށް ކުޅުނު މެޗަށް ރާއްޖޭން ނިކުތީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ.
ބޫޓާން މެޗަށް ނިކުތް ރާއްޖޭގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިން. ފޮޓޯ: ސާފް
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ އަށް ލަނޑެއްޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި 24 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން ރާއްޖޭގެ ކެޕްޓަން، މުޙައްމަދު އިލާން އިމްރާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ރާއްޖެ އަށް ލިބުނު ހިލޭޖެހުމެއްގައި އަހުޒަމް ރަޝީދު ފޮނުވާލި ބޯޅަ ބޫޓާންގެ ކީޕަރު، ޓަންޖިން ޕެންޖޯ ހުއްޓުވިއިރު، ރީބައުންސްގައި ދެވަނަ ފަހަރަށް ރާއްޖޭގެ ކުޅުންތެރިން ގޯލަށް ފޮނުވާލަން މަސައްކަތްކުރުމުން ވެސް ކީޕަރު ޕެންޖޯ ވަނީ އެ ބޯޅަ ސަލާމަތްކޮށްފައެވެ.
މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމެންދަނިކޮށް، ބޫޓާންގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އިތުރުވަގުތުގެ ތެރޭގައި ރާެއްޖޭގެ އަހުޒަމް ފޮނުވާލި ބޯޅަ ބޫޓާންގެ ކީޕަރު ޕެންޖޯ މަތަކުރިއެވެ.
ބޫޓާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ސާފް
މި މެޗުން އެއްވަރުވުމާއެކު ރާއްޖެ އަށް އަމިއްލަ ބާރުގައި މުބާރާތުގެ ސެމީއަށް ދިއުމުގެ ދޮރު ވަނީ ބަންދުވެފައެވެ. މިއާއެކު، ރާއްޖެ ދެން ކުޅޭ މެޗުގައި ނޭޕާލް ބަލިކުރުމަށްފަހު، ބޫޓާނާ ދެކޮޅަށް ލަންކާ ކުޅޭ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރަންޖެހޭނެ އެވެ.
މުބާރާތުގެ ގްރޫޕް އޭ ގައި ދެން ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެ ހަވީރު ރާއްޖެ ނިކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ހުކުރު ދުވަހުގެ ރޭ ބޫޓާން ބައްދަލުކުރާނީ ލަންކާއާ އެވެ.
މި މުބާރާތުގައި ދެން ކުޅޭ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ގްރޫޕް ބީ ގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ ނިކުންނާނީ ވާދަވެރި ޕާކިސްތާނާ ދެކޮޅަށެވެ. މި މެޗު ފަށާނީ މެންދުރު ފަހު 3:45 ގައެވެ.