ENGLISH

24 މާރިޗު 2026

Advertisement

އިންތިހާބީ ރިޝްވަތުގެ މައްސަލައެއް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު އަހަރުގެ ޖަލު ހުކުމެއް!

24 މާރިޗު 2026

|

އައިމިނަތު ޝަފާ

އޭސީސީގެ މެމްބަރުން. އިންތިހާބީ ރިޝްވަތުގެ މައްސަލައެއް ސާބިތުވެއްޖެނަމަ އަހަރަކާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެކަމަށް އޭސީސީން ވަނި ބުނެފައި. ފޮޓޯ: މަޖިލިސް

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން އިންތިހާބީ ރިޝްވަތުގެ މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފި އެވެ. 

އަންނަ އޭޕްރީލުމަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހުރިނެތް ގޮތް ބެލުމަށް ވޯޓެއް ނަގާނެ އެވެ. 

މި އިންތިހާބުތަކާ ގުޅިގެން ސިޔާސީ ޕާޓިތަކުން ކެމްޕެއިނުގެ ހަރަކާތްތައް ފުޅާކޮށްފައިވާއިރު އޭސީސީން މިއަދު ބުނީ އިންތިހާބުތަކާ ދިމާކޮށް މީހެއްގެ މައްޗަށް އިންތިހާބީ ރިޝްވަތުގެ މައްސަލައެއް ސާބިތު ވެއްޖެނަމަ އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެކަމަށާއި ނުވަތަ 72,000 (ހަތްދިހަ ދެހާސް) ރުފިޔާއާއި 288,000.00 (ދެލައްކަ އަށްޑިހަ އަށްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެމީހަކު ޖޫރިމަނާކުރެވޭނެ ކަމަށެވެ.   

މި ދުވަސް ވަރަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދުވަސްވަރުކަމުން ކެނޑިޑޭޓުން ތާއީދު ހޯދުމަށް ހިންގަފާނެ ރިޝްވަތުގެ އަމަލުތަކަށް ސަމާލުވުމަށް އެދި އޭސީސީން މީގެ ކުރިންވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. 

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ތާއީދު ހޯދުމަށްޓަކައި އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި، ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވުމަށް އެ ބަޔާނުގައި އޭސީސީން ވަނީ އެދިފަ އެވެ. އަދި އާންމު އިންތިހާބުތަކުގައި ހިފަހައްޓަންޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ހުރުމަތްތެރިކޮށް ހިތުމަށް ހާއްސަ ސަމާލުކަން ދޭންޖެހޭކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. 

ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި، ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިނގާކަން ފާހަގަކުރެވޭކަމަށް އޭސީސީން ބުންޏެވެ.

ރިޝްވަތު ހިފައި، ތިމާއަށް ލިބިފައިވާ އިންތިހާބީ ހައްގު އަމިއްލަ ވަގުތީ ފައިދާއަކަށްޓަކައި ވިއްކާލުމަކީ، ތިމާގެ އަމިއްލަ ނަފްސަށާއި، އާއިލާއަށާއި، މުޅި މުޖުތަމައަށް ވެވޭ ހިޔާނާތެއްކަމަށް އޭސީސީން ވަނީ ބުނެފަ އެެވެ.

ކިޔުންތެރިންގެ ހިޔާލު