ENGLISH
24 މާރިޗު 2026
އޭޝިޔާއާއި އެފްރިކާގެ ބައެއް ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް މަސައްކަތްކުރަނީ
24 މާރިޗު 2026
|
އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އޭޝިޔާއާއި އެފުރިކާގެ ބައެއް ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެދުއިރުމައްޗަކީ ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރާ ސަރަހައްދަކަށްވާތީ ހަނގުރާމައާ ގުޅިގެން އެނޫން ސަރަހައްދުތަކުން މުދާ އެތެރެކުރާ މިންވަރު އިތުރުކުރުމަށް މަސައްކަަތްތަކެއް ކުރަމުންދޭތޯ މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ރާއްޖެއާއި ދުނިޔޭގެ އެންމެ ބޮޑު އެއް ބާޒާރު ކަމުގައިވާ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވި މިހާރު އެ އެއްބަސްވުމަށް އަމަލަުކުރެވެމުންދާ ކަމަށެވެ.
އިތުރަށް ސައީދު ވިދާޅުވީ ޗައިނާއަކީ ވަރަށް ގިނަ ބާވަތްތަކުގެ މުދާ އުފައްދައި ހުރިހާ މުދަލެއް އެތަނުން ލިބޭ ގައުމަކަށްވާއިރު، އެ ގައުމާއި ރާއްޖެއާމެދު ވިޔަފާރީގެ ގޮތުން އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ބޭނުންވާ ކޮންމެ ކަމެއްގައި ރާއްޖޭގެ އެހީތެރިކަން އެގައުމުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާއެކު އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ވާހަކަދެެކެވޭ. ބޭނުން އިރެއްގައި މުދާ ލިބުމުގައި އިންތިޒާމެއް ހަމަޖައްސަންވެެއްޖެނަމަ އެކަން ކުރެވޭ ހިސާބުގައި މިތިބެނީ،" ސައީދު ވިދާޅުވިއެވެ.
މެލޭޝިޔާއާއި އިންޑޮނޭޝިޔާއާއި ތައިލޭންޑާއި ކެމްބޯޑިއާ ފަދަ ގައުމުތަކާއެކު އޮތް ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ފެށިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އޭގެ އިތުރަށް ކުރިން ވިޔަފާރީގެ ދާއިރާއިން ގުޅުންތަކެއް ބަދަހިކުރެވިފައި ނެތް ބައެއް ގައުމުތަކާއެކު އެފަދަ ގުޅުންތައް ގާއިމުކޮށް ބަދަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި ވިޔަފާރީގެ އެކި ދާއިރާތަކުން އެފުރިކާގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އޭގެ އިތުރަށް ކަނޑުމަގުންނާއި ވައިގެ މަގުން ލިންކުތަކެއް އެޅުމުގެ މަސައްކަތް ދަތުރުފަތުރާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއެކު މަސައްކަތްކުރަމުންދާ ކަމަށާއި، އެގޮތުން އެފުރިކާގެ ވަރުގަދަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.